ވޫހާން އިން ވަނީ ދުނިޔެ އަށް އުއްމީދު ގެނެސްދީފައި: ޑަބްލިއުއެޗްއޯ

ޖެނީވާ (މާޗް 21) - ދުނިޔޭގައި އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރުނު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން އެ ބަލި ކޮންޓްރޯލްކޮށް އެ ސިޓީން ބަލީގެ އެއްވެސް މީހަކު މިހާރު ނުފެންނަކަމީ ދުނިޔެ އަށް ލިބުނު އުއްމީދެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދޮނަން ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.


ޑިސެމްބަރު މަހު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީން ބަލި މީހަކު ނުފެންނަތާ މިހާރު ތިން ދުވަސްވެއްޖެ އެވެ.

"އެންމެ ގޯސް ހާލަތު ވެސް ބަދަލުވެދާނެ ކަމުގެ އުއްމީދު ވޫހާން އިން ވަނީ ދުނިޔެ އަށް ގެނެސްދީފައި،" ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ކެތްވެރިވާން ޖެހޭ. ބަލި ކޮންޓްރޯލް ކުރި ހުރިހާ ގައުމަކުން ދުނިޔޭގެ އެހެން ގައުމުތަކަށް ވަނީ އުއްމީދު ގެނެސްދީފައި."

ވޫހާން އިން ކޮވިޑް-19 މިހާރު ފެންނަނި ބޭރު ގައުމުތަކުގައި އުޅެފައި އަންނަ މީހުންގެ ފަރާތުންނެވެ.

ޓެޑްރޯސް ވިދާޅުވީ ޑަބްލިއުއެޗްއޯގެ އަދިވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިކަށި ސިއްހީ ނިޒާމުތައް އޮތް ގައުމުތަކަށް ބަލި ފެތުރިދާނެތީ ކަމަށެވެ.

ކޮވިޑް-19 މިހާރު ވަނީ މުޅި ދުނިޔެ އިން 288،644 މީހުންނަށް ޖެހި ގާތްގަނޑަކަށް 12،000 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 93،641 މީހުންނެވެ. ޗައިނާ އިން 81،008 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެ ގައުމުން 3،255 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރޭ އިޓަލީން 47،021 މީހުންނަށް ބަލިޖެހުނު އިރު 4،032 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން 25،375 މީހުންނަށް ޖެހިފައިވާ އިރު 1،378 މީހުން ވަނީ މަރުވެފަ އެވެ.