ދުނިޔެ / ސޫދާން

އެއްބަސްވުމާ ހިތްހަމަނުޖެހި ސޫދާންގެ 14 ވަޒީރުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރ 2021 - 12:05

2 comments

މަގާމުން ދުރުކޮށްފައި ހުންނެވުމަށް ފަހު، މިދިޔަ އާދީއްތަ ދުވަހު އަލުން އެ މަގާމަށް އައްޔަންކުރި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް، ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ފެއްޓެވުމާއެކު، ކެބިނެޓްގައި ހިމެނޭ 14 ވަޒީރަކު އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި ވަޒީރުން ވިދާޅުވާ ގޮތުގައި އެބޭފުޅުން ސަރުކާރުން ވަކިވީ، ގައުމުގެ ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރު އުވާލައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން ތިއްބެވި އަސްކަރީ ވެރިންނާ ބައިވެރިވެގެން، ސަރުކާރު ހިންގަން ބޭނުން ނުވާތީ އެވެ. އެފަދަ ބޭފުޅުންތަކަކާ އެކުގައި އެއްބަސްވުމެއް ހަދައިގެން މަގާމަށް ވަޑައިގަތުމަކީ، ބޮޑުވަޒީރު ހަމްދޫކު ގައުމަށް ހިޔާނާތްތެރިވެވަޑައިގަތުން ކަމަށް އެ ބޭފުޅުން ސިފަކުރައްވަ އެވެ.

ބޮޑުވަޒީރު ހަމްދޫކު އަލުން މަގާމަށް އައްޔަންކޮށް، ސިޔާސީ ގައިދީންތައް މިނިވަންކުރުމަށް، ވެރިކަން ކުރާ ސިޔާދަތީ މަޖިލީހާއި ބޮޑުވަޒީރު ހަމްދޫކާ ދެމެދު އެއްބަސްވުމެއް ގާއިމުކުރީ، މިދިޔަ އާދީއްތަ ދުވަހު އެވެ. ދެ ފަރާތުގެ މި އެއްބަސްވުމަށް ހުޅަނގުގެ ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ނަމަވެސް ސޫދާންގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން އަންނަނީ އިތުރުވަމުންނެވެ. އޮކްޓޫބަރު 25 ވަނަ ދުވަހު ސަރުކާރު އުވާލައި، ބޮޑުވަޒީރު ގޭބަންދުކޮށް ސިފައިން ވެރިކަން އަތުލުމާއެކު، އެދުވަހުން ފެށިގެން އާންމު ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށް ބޮޑުވަޒީރު ހަމްދޫކަށް އަލުން މަގާމު ދީފައި ވިޔަސް، ވެރިކަމުގެ ކަންތަކުގެ ތެރެއަށް ސިފައިން ނުފޫޒު ފޯރުވާ ނަމަ، މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށް، އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިހާރު ކުރަމުންދާ މުޒާހަރާތައް ރާވައި އިންތިޒާމު ކުރުމުގައި އިސްވެ ހަރަކާތްތެރިވަނީ، އެގައުމުގެ ސިޔާސީ ފަރާތްތައް ގުޅިގެން، "ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް"ގެ ނަމުގައި އެކުލަވާލާފައިވާ ކޯލިޝަންގެ ފަރާތުންނެވެ. އެގައުމުގައި ކުރިން އޮތް ވެރިކަން 2019 ވަނަ އަހަރު އެގައުމުގެ ސިފައިން ވައްޓައިލުމަށް ފަހު، މިހާރު ވެރިކަން ކުރަމުން އަންނަ، ވެރިކަން ކުރާ ސިޔާދަތީ މަޖިލިސް އެކުލެވެނީ ވެސް، އަސްކަރިއްޔާގެ ވެރިންނާއި އެ ކޯލިޝަންގެ މެމްބަރުންނެވެ.

ނަމަވެސް، އޮކްޓޫބަރު 25ގައި ސިފައިން ވެރިކަން ވައްޓައިލުމާ ގުޅިގެން، އެ ކޯލިޝަން މިހާރު ވަނީ ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުން ވަކިވެ، ރައްޔިތުންގެ މުޒާހަރާގައި ބައިވެރިވެފަ އެވެ.

އަނެއްކޮޅުން، އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނޭ ހާރިޖީ ވަޒީރު މަރިޔަމް އައްސާދިގުލް މަހްދީ ވިދާޅުވި ގޮތުގައި ސޫދާނުގެ މިދިޔަ އާދީއްތަ ދުވަހު އިއުލާންކުރި، އަސްކަރީ އިންގިލާބުގެ އެއްބަސްވުމަށް ތާއީދުކޮށް ހިތްވަރު ދެނީ، އިޒްރޭލާއި މިސްރުންނެވެ. ސޫދާންގެ ވެރިކަން ވައްޓައިލުމުގެ އިންގިލާބަށް އިޒްރޭލުގެ ތާއީދު ހޯދުމަށް، ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން މަސައްކަތް ކުރެއްވި އެވެ.

އޭގެ އިތުރުން، ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ތިއްބެވި، އިޒްރޭލަށް ތާއީދު ނުކުރައްވާ ބޭފުޅުން ސަރުކާރުން ވަކިކުރެއްވީ ވެސް، ޖެނެރަލް ބުރުހާންގެ ފިއްތުންތަކާ ހެދި ކަމަށް ވެސް މަރިޔަމް ވިދާޅުވި އެވެ.

"މައްސަލައިގެ ބޭރުފުށުން އިޒްރޭލު ނުފެނުނަސް، ސޫދާން އަސްކަރީ އިންގިލާބަށް ވާގިވެރިވުމަށް އިޒްރޭލުން އަދާކުރި ދައުރު ސޫދާން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭ. އެމެރިކާ އިން އެފްރިކާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ޖެފްރީ ފިލްޓްމާން ދާދި ފަހުން އިޒްރޭލަށް ވަޑައިގަތީ ވެސް އެ ބޭނުމުގައި."

މަރިޔަމް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ހަމްދޫކާއި ސިފައިންގެ ވެރިންނާ ދެމެދު ގާއިމުކުރި އެއްބަސްވުމަކީ ރައްޔިތުން ގަބޫލުކުރާ އެއްޗެއް ނޫނެވެ. އަދި އެއީ ގައުމުގައި ޑިމޮކްރެސީ ގާއިމުކުރުމުގައި ކުރިއަށް އެޅި އާ ފިޔަވަޅެއް ނޫން ކަމަށާއި، އެއީ ގައުމު ފަހަތަށް ސޮއްސައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީނާ

23 November 2021

މިނިސްޓްރީ އޮފް ޓެކްނޮލަޖީގެ މަގާމަށް މަލީހު ފޮނުވަންފެނޭ.

The name is already taken The name is available. Register?

ގަންބާރު

23 November 2021

ސާބަހޭ. ބަޣާވާތަށް ނޫނެކޭ ބުނަންކެރެންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454