އިންޑިއާގެ ޚާރިޖީ ވަޒީރުގެ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށްފި

ނިއު ދިއްލީ (ޑިސެމްބަރު 10) - އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖުގެ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ނިއު ދިއްލީގައި މިއަދު ކޮށްފި އެވެ.


އުމުރުން 64 އަހަރުގެ މިނިސްޓަރުގެ ކިޑްނީ ބަދަލު ކުރުމުގެ ފަސް ގަޑިއިރުގެ އޮޕަރޭޝަން ކޮށްފައި ވަނީ ދިއްލީގެ އޯލް އިންޑިއާ މެޑިކަލް ސައެންސް (އެއިމްސް) ހޮސްޕިޓަލުގެ ކާޑިއޯ-ތޮރައިސިކް ސެންޓަރުގައި ޑޮކްޓަރުންގެ ޚާއްސަ ޓީމަކުންނެވެ. އޮޕަރޭޝަނަށް ފަހު ސުވަރާޖް އައިސީޔޫ އަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ސުވަރާޖުގެ އާއިލާގެ މީހެއްގެ ކިޑްނީ އެކަމަނާއާ ނުގުޅޭތީ ކިޑްނީ ހޯދާފައި ވަނީ ހެޔޮ އެދޭ މީހެއްގެ ފަރާތުންނެވެ. ސުވަރާޖުގެ ކިޑްނީ އޮޕަރޭޝަން ކުރަން ޖެހޭކަން ސޯޝަލް މީޑިއާގައި މިދިޔަ މަހު 16 ވަނަ ދުވަހު އެކަމަނާ ހާމަކުރެއްވުމާ ގުޅިގެން އެތައް ބަޔަކު ވަނީ އެކަމަނާ އަށް ކިޑްނީ ހަދިޔާ ކުރަން ހުށަހަޅައިފަ އެވެ.

ކިޑްނީ އަށް ފަރުވާ ހޯދަން ސުވަރާޖް އެޑްމިޓް ކުރީ ނޮވެމްބަރު 7 ވަނަ ދުވަހު އެވެ. އޭގެ ކުރިން އެކަމަނާ ވަނީ ނިއުމޯނިއާ އަށް ފަރުވާ ހޯދަން އެޕްރީލް މަހު ވެސް އެޑްމިޓްކޮށްފަ އެވެ. އެކަމަނާ އަކީ ހަކުރު ބަލި ހުންނަ މީހެކެވެ.

ސުވަރާޖަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އަދި އެންމެ މަޝްހޫރު އެއް ވަޒީރެވެ. އެކަމަނާ އަކީ ޓްވީޓާގައި ވެސް ވަރަށް އެކްޓިވް ބޭކަނބަލެކެވެ. ސްވަރާޖަށް ކުރައްވާ ޓްވީޓްތަކަށް ޖަވާބު ދެއްވާ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވައިފައިވެ އެވެ.