ޑްރަގާ ދެކޮޅު ހަނގުރާމައިގައި ފިލިޕީންސް އިން 6،000 މީހުން މަރައިފި

މެނީލާ (ޑިސެމްބަރު 13) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސް އިން ހަނގުރާމަ އިއުލާންކުރި ފަހުން މިދިޔަ ޖުލައި މަހުގެ ފަހުން އެ ގައުމުން 5،927 މީހުން މަރާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.


މިދިޔަ މެއި މަހު ފިލިޕީންސްގެ ރައީސްކަމާ ރޮޑްރިގޯ ޑުޓާޓެ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާ އިރު ގަދަ ދައްކާ ނަމަ ބަޑިޖަހާ މެރުމަށް ވެސް ވަނީ އަންގަވައިފަ އެވެ.

ފިލިޕީންސްގެ ނޭޝަނަލް ޕޮލިސް އިން ހާމަކުރި ހިސާބުތަކުގައިވާ ގޮތުން ޖުލައި 1 އިން ޑިސެމްބަރު 12 އަށް ފުލުހުންގެ އޮޕަރޭޝަންތަކުގައި 2،086 މީހުން މަރާފައިވާ އިރު ހުކުމް ކުރުމަކާ ނުލައި 3،841 މީހުން މަރާފައިވެ އެވެ. އަދި މަސްތުވާތަކެތީގެ ތުހުމަތުގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފިލިޕީންސްގެ ނައިބް ރައީސް ލެނީ ރޮބްރެޑޯ އިއްޔެ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ޝަރީއަތް ކުރުމަކާ ނުލައި މަރާ މައްސަލައިގައި ސަރުކާރުގެ ތެރޭން ވެސް ބައެއް ދެކޮޅު ހެދުންތައް ކުރިމަތިވާ ކަމަށެވެ. ރައީސްއާ ޚިޔާލު ތަފާތުވެފައިވާ ރޮބްރެޑޯ މި މަހު ކުރީކޮޅުން ފެށިގެން ވަނީ ކެބިނެޓުގެ ބައްދަލުންތަކުގައި ބައިވެރިވުން ހުއްޓާލައިފަ އެވެ.