ދުނިޔެ

މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ވާހަކަތައް ތަހުގީގުކުރަން އަންގައިފި

13 ޖެނުއަރީ 2022 - 12:28

އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައި މުސްލިމުން މެރުމަށް، ހަރުކަށި ހިންދީ ލީޑަރުންތަކެއް ގޮވައިލި މައްސަލަ ތަހުގީގު ކުރުމަށް، އެ ގައުމުގެ ސުޕްރީމް ކޯޓުން، އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރަށް އަންގައިފި އެވެ.

އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށް ހަރުކަށި ހިންދީ ލީޑަރުންތަކެއް ގޮވައިލި މައްސަލަ ތަހުގީގުކުރުމަށް، ސުޕްރީމް ކޯޓުން މި އެންގީ، މުސްލިމުންނާ ދެކޮޅަށް ނަފްރަތުގެ ވާހަކަތައް ދެއްކި މީހުން ޝަރީއަތަށް ހުށަހެޅުމަށް ގޮވާލައި، އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

އެ ސްޓޭޓްގައި ވެރިކަން ކުރަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީން ކަމަށްވާއިރު، އެ ޕާޓީއަކީ ވެސް މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއަކަށް ވާތީ، އެ ޕެޓިޝަނަށް ސަމާލުކަމެއް ނުދޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ތަދައްހުލުވެ، އެ މައްސަލަ ތަހުގީގުކުރުމަށް އެންގުމުން، ސުޕްރީމް ކޯޓުގެ އެންގުމަށް އަމަލުކުރުން އެ ސްޓޭޓްގެ ސަރުކާރަށް މަޖުބޫރުވާނެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސޮއިކުރައްވައި އިއްޔެ ނެރުއްވި އަމުރުގައި، އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރަށް އަންގާފައިވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ މައްސަލަ ތަހުގީގު ކުރުމަށެވެ. މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށް ހަރުކަށި ހިންދީ ލީޑަރުންތަކެއް ގޮވައިލީ، އެ ސްޓޭޓްގެ ހަރިދުވާރު އަވަށުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ދީނީ އެއްވުމެއްގެ ތެރޭގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ މިހާރު އަންނަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

"އަހަރެމެންގެ ތެރެއިން ސަތޭކަ ވަރަކަށް މީހުން ހަތިޔާރު ނަގައި ހަނގުރާމަވެރިންނަށް ވެގެން އެމީހުންގެ ތެރެއިން ދެ މިލިއަން މީހުން މަރައިލިޔަސް، ކާމިޔާބު ލިބޭނީ އަހަރެމެންނަށް. ސަންތާނާ ދަރުމާ (ހިންދީ ދީނުގެ މަޒްހަބެއް) ހިމާޔަތް ކުރެވޭނެ ހަމައެކަނި ގޮތަކީ، ހަމައެކަނި މިބުނި ގޮތުގެ މަތިން އަހަރެމެން އަމަލުކޮށްގެން،" ޑިސެމްބަރު މަހު އޮތް އެއްވުމުގައި ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

މީގެ އިތުރުން އެ އެއްވުމުގައި ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އިންޑިއާގެ މުސްލިމުން މަރައިގެން ޖަލަށް ވަންނަން ޖެހިދާނެތީ އެއްގޮތަކަށް ވެސް ބިރުގަންނާކަށް ނުޖެހެ އެވެ. އެއް ގޮތަކީ މުސްލިމުން މަރައި ހުސްކުރުން ކަމަށާއި ނުވަތަ މުސްލިމުންގެ ހަމަލާތަކުގައި މަރުވެ ދިއުން ކަމަށް ވެސް އެކަކު ބުނެފައިވެ އެވެ.

މި މޭރުމުން މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ވާހަކަތައް ދެއްކި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އިންޑިއާގެ މުސްލިމުންނާއި ހިންދީން ވެސް އަންނަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވައިލަމުންނެވެ.

މި މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް އެދި އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުއްވީ ރިޓަޔާކޮށްފައިވާ ފަނޑިޔާރެއް ކަމަށްވާ އަންޖަނާ ޕްރަކާޝް އެވެ. އޭނާގެ ޕެޓިޝަންގައި ބުނެފައިވާ ގޮތުން، ހަރުކަށި ހިންދީ ލީޑަރުންގެ އެ ވާހަކަތަކުގެ ސަބަބުން، ނުރައްކާތައް ކުރިމަތިވަނީ ހަމައެކަނި ގައުމުގެ އެއްބައިވަންތަކަމަށާއި ނަޒާހަތްތެރިކަމަކަށް ނޫނެވެ. އޭގެ އިތުރުން އިންޑިއާގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމް ރައްޔިތުންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454