ތިން މީހުން މަރާލި ކަމަށް ފިލިޕީންސްގެ ރައީސް ވިދާޅުވެއްޖެ

މެނީލާ (ޑިސެމްބަރު 16) - ޑާވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމިއްލަ އަށް ބަޑިޖަހާ ތިން މީހުން މަރާލި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އެއްބަސްވެވަޑައިގެންފި އެވެ.


"އަޅުގަނޑު ތިން މީހުން މަރާލިން. އެ މީހުންގެ ހަށިގަނޑަށް އެރީ ކިތައް ވަޒަން ކަމެއް ނޭނގޭ. އެއީ ހިނގާފައިވާ ކަމެއް. އެހެންވެ އަޅުގަނޑަކަށް ދޮގެއް ނުހެދޭނެ،" ފިލިޕީންސްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވާފައިވާ ޑުޓާޓެ ވިދާޅުވި އެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވިއިރު ރައީސްގެ ތަރުޖަމާން ވަނީ ޑުޓާޓެ އަމިއްލަ އަށް އެއްވެސް މީހަކު މަރާލާފައިވާ ނުވާ ކަމަށް ވިދާޅުވެފަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ގަޔަށް ޑުޓާޓެ އަމިއްލަ އަށް ބަޑިޖެހިކަމުގެ ވާހަތައް ފެންމަތިވެފައި ވަނީ ރިޔާސީ ގަނޑުވަރުގައި ވިޔަފާރިވެރިންތަކަކާ އެކު ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމެއްގައި ޑުޓާޓެ ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ޑުޓާޓެ ވިދާޅުވެފައި ވަނީ ޑާވާއޯގެ މޭޔަރަކަށް ހުންނެވި އިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ގަޔަށް އަމިއްލަ އަށް ބަޑިޖަހާ މެރީ ފުލުހުންނަށް ވެސް އެކަން ކުރަން ކެރެން ޖެހޭނެކަން އެންގުމުގެ ގޮތުން ކަމަށެވެ.

ފިލިޕީންސްގެ ދެކުނުގެ ޑަވާއޯގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ވިއްސަކަށް އަހަރު އޭނާ ވަނީ އެ ސިޓީން ވަރަށް ބޮޑަށް ކުށްމަދުކޮށްފަ އެވެ.

ފިލިޕީންސްގެ ރައީސް ކަމަށް ޑުޓާޓެ ވަޑައިގެން، މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިދިޔަ ޖުލައި މަހުން ފެށިގެން 6،000 މީހުން ވަނީ މަރައިފަ އެވެ. މިދިޔަ މެއި މަހު ރައީސްކަމާ ޑުޓާޓެ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާ އިރު ގަދަ ދައްކާ ނަމަ ބަޑިޖަހާ މެރުމަށް ވެސް ވަނީ އަންގަވައިފަ އެވެ.