ސަލާމަތީ މަޖިލީހުގެ ގަރާރަށް ބޯނުލަނބާނެ ކަމަށް އިޒްރޭލުން ބުނެފި

ތެލް އަވީވް (ޑިސެމްބަރު 24) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހުން ފާސްކުރި ގަރާރަށް ބޯ ނުލަނބާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.


މިސްރުން ހުށަހެޅި ގަރާރު އަނބުރާ ނަގާފައިވަނިކޮށް ހަތަރު ގައުމެއް ގުޅިގެން ހުށަހެޅި ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރޭން 14 މެންބަރުންގެ ތާއީދާ އެކު އެމެރިކާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ގަރާރު ނެގުމަށް މިސްރަށް ބާރު އަޅާފައި ވަނީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕެވެ. މިސްރުން ގަރާރު އަނބުރާ ގެންދިއުމުން ގަރާރު އަލުން ހުށަހެޅީ ނިއު ޒީލެންޑާއި ވެނެޒުއެލާ، މެލޭޝިއާ އަދި ސެނެގާލުންނެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލަން ގަރާރެއް ފާސްކުރުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

"އިޒްރޭލާ ދެކޮޅަށް ފާސްކުރި މި ލަދުވެތި ގަރާރަށް އަމަލެއް ނުކުރާނަން. ސީރިއާގައި ބައި މިލިއަން މީހުން ކަތިލިއިރު ސަލާމަތީ މަޖިލީހުން އެއްވެސް ކަމެއް ނުކޮށްތިބެ، ސައްހަ ގޮތުގައި ހިންގާ ޑިމޮކްރެޓިކް ގައުމަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ލަތުވެތިވާން ޖެހޭ ކަމެއް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އދ. ގައި އިޒްރޭލް ހިމާޔަތް ނުކުރި ނަމަވެސް ދެން ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގަރާރު ހުށަހެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނިއު ޒީލެންޑާއި ސެނެގާލްގައި ތިބޭ އިޒްރޭލުގެ ސަފީރުން އަނބުރާ އައުމަށް ވަނީ އަންގައިފަ އެވެ. އަދި ސެނެގާލް އަށް ދޭ ހުރިހާ އެހީއެއް ކަނޑާލަން ވަނީ ނިންމައިފަ އެވެ. މެލޭޝިއާ އާއި ވެނެޒުއެލާ އިން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.

ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމާ އެކު ފަލަސްތީނުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކުރަން ފަށައިފަ އެވެ. ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގަރާރަކީ އިޒްރޭލުގެ ސިޔާސަތުތަކަށް ލިބިގެން ދިޔަ ބޮޑު ދެރައެއް ކަމަށެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމަ އަށް ފަހު ވެރިވެގަތް ފަހުން ވަނީ 140 އަށް ވުރެ ގިނަ އިމާރާތުގައި 500،000 އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ހުރިހާ ބިމެއްގައި އިޒްރޭލުން ޔަހޫދީންނަށް ހިންގާ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އެއީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ އުއްމީދަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.