ބަންގްލަދޭޝްގައި މީހުން މެރުމުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް ތުހުމަތުކޮށްފި

ޑާކާ (ޖޫން 7) - ބަންގްލަދޭޝްގައި ދީނާ ޚިލާފު ވާހަކަތައް ހިމަނައިގެން ބްލޮގް ލިޔުނު ބަޔަކާއި އެ ނޫން ވެސް ބައެއް މީހުންގެ މަރުގެ ފަހަތުގައި އިޒްރޭލުގެ އަތެއްވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ތުހުމަތު ކުރައްވައިފި އެވެ.


ޚާން ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އިޒްރޭލުގެ ޖާސޫސީ އެޖެންޓަކާ ބައްދަލުކޮށްފައިވާ ކަމަށާއި "ބަންގްލަދޭޝްއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ރޭވުމެއް" ރާވާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެކަމަކު އެއްވެސް ހެއްކެއް އޭނާ ދައްކަވައިފައެއް ނުވެ އެވެ. އިޒްރޭލުން ބުނެފައި ވަނީ މިއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

ޚާން މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މަރުގެ ތަހުގީގުތައް ކުރިއަށް ގެންދާ ފުލުހުންގެ ސީނިއާ އޮފިސަރެއްގެ އަންހެނުން މަރާލިތާ އެއް ދުވަސް ފަހުންނެވެ.

"ބައިނަލްއަގުވާމީ ރޭވުމެއްގެ އަމާޒަކަށް ބަންގްލަދޭޝް މިވަނީވެފައި. އަދި ރޭވުމުގައި ވަނީ ބޭރުގެ ޖާސޫސީ އިދާރާއަކުން ބައިވެރިވެފައި،" ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު

ބަންގްލަދޭޝްގައި މީހުން މަރަނީ އިސްލާމީ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް ވެރިކަންކުރާ އަވާމީ ލީގުން އިނގިލި ދިއްކުރަނީ އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށެވެ.

މުސްލިމުންގެ އަޣަލަބިއްޔަތު އޮންނަ ބަންގްލަދޭޝް އިން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. އަދި އެ ގައުމުން ތާއީދުކުރަނީ ފަލަސްތީނަށެވެ.

"ބައިނަލްއަގުވާމީ ރޭވުމެއްގެ އަމާޒަކަށް ބަންގްލަދޭޝް މިވަނީވެފައި. އަދި ރޭވުމުގައި ވަނީ ބޭރުގެ ޖާސޫސީ އިދާރާއަކުން ބައިވެރިވެފައި،" ޚާން ވިދާޅުވި އެވެ.

އިތުރު ތަފްސީލް ދެއްވުމަށް އެދުމުން ޚާން ވިދާޅުވީ އިޒްރޭލުގެ ޖާސޫސީ އެޖެންޓަކު ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށާއި އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށެވެ.

އިޒްރޭލުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އެމަނުއެލް ނަހްޝޮން ބީބީސީ އަށް ވިދާޅުވީ ބަންގްލަދޭޝްގައި މީހުން މެރުމުގައި އިޒްރޭލުގެ ބައިވެރިވުމެއްވާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޕާލަމެންޓުގެ އިދިކޮޅު މެންބަރެއް ކަމަށްވާ އަސްލަމް ޗައުދަރީ އިޒްރޭލު ސަރުކާރުގެ މުޝީރަކާ އިންޑިއާގައި ދާދި ފަހުން ބައްދަލުކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް އާއްމުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. ޗައުދަރީ ވިދާޅުވީ އޭނާ އިންޑިއާ އަށް ކުރީ ވިޔަފާރި ދަތުރެއް ކަމަށާއި އަދި އެ ދަތުރުގައި އިޒްރޭލުގެ ޖާސޫސީ އެޖެންޓަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.

ވަޅިން ހަމަލާދީ މަރާލި ބަންގްލަދޭޝްގެ ފުލުސް އޮފިސަރުގެ އަންހެނުންގެ ހަށިގަނޑު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އެންމެ ފަހުން ހިންގި މީހުން މެރުމުގެ ހާދިސާގައި ފުލުހުންގެ އޮފިސަރު ބާބުލް އަޚުތަރުގެ އަންހެނުން މަހްމޫދާ އަޚްތަރަށް ވަޅިން ހަމަލާދީ މަރާލީ އޭނާގެ ހަ އަހަރުގެ ފިރިހެން ދަރިފުޅުގެ ކުރިމަތީގަ އެވެ. ފުލުހުންގެ އޮފިސަރު ބާބުލް އަކީ ޖަމާޔަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ) ގެ މައްސަލަ ތަހްގީގުކުރާ އޮފިސަރެކެވެ. އޭނާގެ އަންހެނުން ގެންދަނީ ދީނީ ގޮތުން ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ކެމްޕޭން ކުރަމުންނެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކި ހަމަލާތަކުގައި 40 މީހުން މަރާލާފައިވާ ކަމަށެވެ. ސަރުކާރުން ބުނެފައި އެ ގައުމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ނޫޅޭ ކަމަށާއި މީހުން މެރުމުގެ ތުހުމަތު ކުރެވެނީ އިދިކޮޅު ފަރާތްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ކަމަށެވެ.