ބާރުގަދަ ތޫފާނެއް ފިލިޕީންސަށް އަރައިފި

މެނީލާ (ޑިސެމްބަރު 25) - ގަޑިއަކު ގާތްގަނޑަކަށް 255 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހެމުން ދިޔަ ތޫފާން ފިލިޕީންސްގެ އިރުމަތީގެ ހިސާބުތަކަށް މިއަދު އަރައިފި އެވެ.


ތޫފާން އަރާތީ ފިލިޕީންސް އިން ވަނީ ލައްކައެއްހާ މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ނޮކް-ޓެންގެ ނަންދީފައިވާ ތޫފާން މިއަދު މެންދުރު ފަހު ފިލިޕީންސަށް އެރި ނަމަވެސް އެއްވެސް މީހަކު މަރުވި ކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެ އެވެ. ތޫފާނުގައި ގަދަޔަށް ވައިޖެހެމުންދާތީ 6.6 ފޫޓުގެ އުސް ރާޅު އަރައިފާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އަދި ހުރިހާ ބަނދަރުތަކެއް ވަނީ ބަންދުކޮށްފަ އެވެ. މިއީ މި އަހަރު ފިލިޕީންސަށް އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށް ވެސް އެ ގައުމުގެ މޫސުމާ ބެހޭ އޮފިޝަލުން ލަފާކޮށްފައިވެ އެވެ.

ފިލިޕީންސަށް ތޫފާން އަރާތީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކުރި ބަޔަކު ވަގުތީ ހިޔާއެއްގައި. --ފޮޓޯ:އޭއެފްޕީ

ތޫފާނުގެ ގަދަ ވައިގައި ވެރިރަށް މެނީލާގައި ހުރި އިޝްތިހާރު ބޯޑުތައް އެއްލައިލަފާނެތީ އެ ތަކެތި ނެގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކްރިސްމަސް ޗުއްޓީ އަށް ދިޔަ މީހުން ރައްކާތެރިވެ ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް ފިލިޕީންސަށް ވަނީ ސުޕަ ތޫފާނެއް އަރައިފަ އެވެ. ހައިމާގެ ނަންދީފައިވާ އެ ތޫފާނުގައި ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އަދި 2013 ވަނަ އަހަރު ފިލިޕީންސަށް އެރި ސުޕަ ތޫފާން ހައިޔަންގައި ވަނީ 7،350 މީހުން މަރުވެފަ އެވެ.