ގަރާރު ވީޓޯ ނުކުރި މައްސަލާގައި އެމެރިކާ ސަފީރު އިޒްރޭލުން ހާޒިރުކޮށްފި

ތެލް އަވީވް (ޑިސެމްބަރު 26) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު އެމެރިކާ އިން ވީޓޯކޮށްފައި ނުވާތީ އެކަމުގެ ރުޅީގައި އެމެރިކާ ސަފީރު، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފި އެވެ.


އެމެރިކާގެ އިތުރުން ގަރާރަށް ވޯޓު ދިން 10 ގައުމެއްގެ ސަފީރުން ވެސް ވަނީ އިޒްރޭލުގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފަ އެވެ. ގަރާރު ފާސްކުރަން 14 ގައުމަކުން ވޯޓު ދިނެވެ. އެމެރިކާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

އިޒްރޭލުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ސަފީރުން ހާޒިރުކޮށް ގަރާރަށް ވޯޓު ދިނީތީ އިޒްރޭލުގެ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މިއީ ސުލްހަ އަށް ދިން ވޯޓެއް ނޫން ކަމަށާއި އިޒްރޭލާ ދެކޮޅަށް ދިން ވޯޓެއް ކަމަށް ސަފީރުންނަށް އަންގާފައިވާ ކަމަށް ވެސް ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ.

އެމެރިކާ ސަފީރު ޑެނިއަލް ޝަޕިރޯގެ އިތުރުން އިޒްރޭލުން ހާޒިރުކޮށްފައި ވަނީ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް، އެންގޯލާ، މިސްރު، ޖަޕާން، ސްޕޭން، ޔޫކްރޭން އަދި އުރުގުއާއީގެ ސަފީރުންނެވެ. ގަރާރަށް ވޯޓު ދިން އަނެއް ހަތަރު ގައުމު ކަމަށްވާ ނިއު ޒީލެންޑް، މެލޭޝިއާ، ވެނެޒުއެލާ އަދި ސެނެގާލްގެ ސަފީރުން ދާއިމީކޮށް އިޒްރޭލުގައި ނުތިބެ އެވެ.

އިޒްރޭލުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ ގަރާރު ފާސްކުރަން އިސް ނަގާފައި ވަނީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންކަމާ މެެދު އެއްވެސް ޝައްކެއް ނެތް ކަމަަށެވެ. ނަތަންޔާހޫ ވިދާޅުވީ ގަރާރު އިބާރާތްކޮށް އެންމެ ފަހުން އެ ފާސްކުރަން ބާރު އެޅީ ވެސް އެމެރިކާ ކަމަށެވެ.

އެމެރިކާގެ އިތުރުން ގިނަ ގައުމުތަކުން ގަބޫލް ކުރަނީ މެދުއިރުމައްޗަށް ސުލްހަ ހޯދަން އެންމެ ބޮޑަށް ހުރަސް އަޅާފައި ވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒްރޭލުން ޔަހޫދީން ވަޒަންވެރި ކުރުވާ މައްސަލައިގައި ކަމަށެވެ.