ޔޫރަޕިއަން ޕާލަމެންޓްގެ ބައްދަލުވުމެއް ކުރިއަށް ދަނީ.
23 ޖޫން 2022 - 13:03
ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު، އެ ޖަމާއަތުގެ ވެރިން މި ހަފުތާގައި ގޮތެއް ނިންމެވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، އެ އިއްތިހާދުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ވިލާތުގެ އިއްތިހާދުގައި މިހާރު ހިމެނޭ 27 ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުން، މިއަދާއި މާދަމާ ބްރަސެލްސްގައި ބާއްވާއިރު، އެންމެ ބޮޑަށް ބަހުސްކުރާނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި، ޔޫކްރޭނަށް ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދިނުމާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން ވިލާތުގެ އިއްތިހާދުގައި މޮލްޑޯވާ ބައިވެރިކުރުމާ މެދު ވެސް ބަހުސްކުރާނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިލާތުގެ އިއްތިހާދުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހުށަހެޅުމާ މެދު، ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިވުމާ މެދު މާބޮޑު މައްސަލައެއް އޮތް ކަމަކަށް ނުފެނެ އެވެ. އެއީ މިހާރު ގާތްގަނޑަކަށް ނިމިފައި އޮތް ކަމެއް ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވިލާތުގެ އިއްތިހާދުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށޭނީ، އެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިކުރުމުގެ އިޖުރާއާތުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް، މެމްބަރު ގައުމުތަކުން ނިންމުމުންނެވެ. އެ އިޖުރާއާތުތައް ފުރިހަމަކޮށްގެން ވިލާތުގެ އިއްތިހާދުގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަމަޖެހުމަށް، ދެ އަހަރެއްހާ ދުވަސް ހޭދަވާނެ އެވެ.
ވިލާތުގެ އިއްތިހާދުގެ ވެރިންގެ ބައްދަލުވުން މިއަދު ބްރަސެލްސްގައި ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވަނީ، އެ އިއްތިހާދުގެ ބައެއް ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ. ރައީސް ޒެލެންސްކީ ރޭ އާންމުކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ، ވިލާތުގެ އިއްތިހާދުގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށްދެއްވުމަށް، އެ އިއްތިހާދުގެ 11 މެމްބަރު ގައުމެއްގެ ވެރިން ގާތުގައި އިއްޔެ އެދިވަޑައިގެންނެވި ކަމަށެވެ.
އޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ވެރިންނާ އެކުގައި މިއަދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިލާތުގެ އިއްތިހާދުގައި ޔޫކްރޭން ބައިވެރިކުރުމާ މެދު، އެ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ މެދުގައި މާބޮޑު ޚިޔާލު ތަފާތުވުންތަކެއް ނެތެވެ. އެހެންކަމުން، މިއަދާއި މާދަމާގެ މަޝްވަރާތަކަށް ފަހު، އެ އިއްތިހާދުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
އަނެއްކޮޅުން ރަޝިޔާ އިން މިހާރު ދެމުންދާ ހަމަލާތައް އެންމެ ވަރުގަދަ ކޮށްފައިވާ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ތެރެއިން ޑޮނެޓްސްކް ސަރަހައްދުގައި ތިބި ޔޫކްރޭން ސިފައިން ބުނާ ގޮތުގައި އެ ސަރަހައްދުގެ 45 ޕަސެންޓް އަދިވެސް އޮތީ ޔޫކްރޭންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ޑޮނެޓްސްގައި މިހާރު ވެސް ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން މިހާރު ތިބީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފަ އެވެ.
އެ ގޮތުން އެ ސަރަހައްދުން މިހާރު ކަރަންޓު ކެނޑިފައިވާ އިރު، ކައްކާ ގޭސް ވެސް މިހާރު ނުލިބޭ ކަމަށް، ޑޮނެޓްސްގައި ތިބި ޔޫކްރޭން ސިފައިންގެ ވެރިޔާ ވިދާޅުވެ އެވެ. ރަޝިޔާ ސިފައިންނާއި ޔޫކްރޭންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ގިނަ އިމާރާތްތައް މިހާރު ހުރި ބިމާ ހަމަވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެައަފްރާސިޔާބު
24 June 2022
އީޔޫގެ މެންބަރަކަށް ވުމުގެ ފުރަތަމަޝަރުޠަކީ އީޔޫން ކަނޑައަޅާފައި ހުންނަކަންކަން ތަންފީޒު ކުރާނޭ ކަމުގެ ޔަގީންކަންދިނުން. ދެންއޮތީ އެމީހަކުއުޅޭނެ ގޮތަކަށް އުޅުމުގެ މިނިވަންކަން އީޔޫގެގައުމުތަކުން ހިންގާ ޖަރީމާ ތަކުގެ ވާހަކަ ނުދެއްކުން. އެއްޖިންސުން ގުޅުން ހިންގުން. ޔަހޫދީންނާ ދެކޮޅު އެއްވެސް ވާހަކައެއް ނުދެއްކުން. ރަސޫލާއަށް ފުރައްސާރަކުރުން ހުއްދަކުރުން. ގައުމުތަކުގެ މުއްސަނދިކަން ލޫޓުވާން އެހީވެދިނުން. ޔުކްރޭން އަށް މެންބަރުކަން ލިބެނީމިހެންވެ
ބީރުބޮލު ވަޒީރު.
23 June 2022
ތިއައީ ޔޫރަޕުގެ އިއްތިޙާދެއް ނޫން. ތިއައީ އެމެރިކާގެ އިއްތިހާދު. ތުރުކީއޭ އަށް ތިއަ އިއްތިހާދުގައި ބައިވެރި ނުވެވުނީ ކީއްވެތޯ؟
ސަލީމު އިދުރީސް
23 June 2022
ބަލަ ބީރުބޮލު ވަޒީރު ތުރުކީވެސް އެ އިއްތިހާދުގެ އޮނިގަނޑައް ފެތޭގޮތައް ގައުމުގެ ކަންތައް ހަމަޖެއްސީމަ ބައިވެރި ވެރިވެވޭނެ ތިއީ އެއްވެސް ވަރަކައް މައުލޫމާތު ނެތީމަ އުފެދުނު ސުވާލެއް ކަމުގަ ދެކެން
ބީރުބޮލު ވަޒީރު.
23 June 2022
ޝުކުރިއްޔާ ސަލީމޫ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ޒިނޭ ހުއްދަކުރަންޖެހޭ އަދި އެއްޖިންސުން ކައިވެނިކޮށް ޖިންސު ބަދަލުކުރުން ކަހަލަ އެތައްކަމެއް އެ އޮނިގަނޑުގައި އޮވޭ. ތުރުކީއޭ އެއީ އިސްލާމީ ގައުމެއްވީމަ އެ އޮނިގަނޑު ތުރުކިއޭ އަށް ނުފެތުނި. ވަރަށް ބޮޑަށް ޝުކުރިއްޔާ ސަލީމް އިދުރީސް.
ސަލީމު އިދުރީސް
24 June 2022
މީރުބޮލު ވަޒީރުގެ ތި މައުލޫތާ އަޅުގަނޑައް ލިބިފަހުރި މައުމާތާ ފުށައަރާ! އީޔޫ އެއީ ޒިނޭ ކެޓަގަރީކޮއް މީހަކު ކޫރާހާ ކަމަކައް ފާރާލާ ގައުތައް ހިމެނޭ ޖަމިއްޔާ އެންނޫން! އެމިހުން ބުނަނީ ވަރައް އާދައިގެ މިނިވަންކަން އެތާދިރިއުޅޭ ފަރާތްތަކައް ލިބެން ޖެހޭނޭ
ބީރުބޮލު ވަޒީރު.
24 June 2022
މަރުގެ އަދަބު ނުދެވޭ. ޒިނޭގެ ހައްދެއް ނުޖެހޭ. މިވެސް އީޔޫގެ މެންބަރަކަށް ވުމަށް އޮންނަ އޮނިގަނޑުގެ ބައެއް. ސަލީމް އިދުރީސަށް މިއީ ކުޑަ ކަމަކަށް ވިއަސް މިއީ ބޮޑެތި ކަންތައް. ގިސާސް ހިފުން އިސްލާމީ ޝަރީޢަތުގައި އޮވޭ.