ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލައެއް ބަލަނީ

ތެލް އަވީވް (ޑިސެމްބަރު 31) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލައެއް ބަލަން އެ ގައުމުގެ އެޓާނީ ޖެނެރަލް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.


ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވިޔަފާރި ވެރިން ދިން "ހަދިޔާ" ގަބޫލް ކުރުމެވެ. އެކަމަކު ނަތަންޔާހޫ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް އޭނާ ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ހެއްކެއް ނުދެއްކޭނެ ކަމަށެވެ. މި ކަން ވެސް ނިމިގެން ދާނީ އޭނާގެ މައްޗަށް ކުރިން ކުރި އަސްލެއް ނެތް ތުހުމަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނަތަންޔާހޫއާ ސުވާލު ކުރަން ފަސޭހަ ވަގުތެއް ހަމަޖައްސައި ދިނުމަށް ބޮޑު ވަޒީރުގެ އޮފީހުގައި ފުލުހުން މިހާރު ވަނީ އެދިފަ އެވެ. ނަމަވެސް މީޑިއާގައި ދައްކާފައިވާ ވާހަކަތައް އިޒްރޭލުގެ ޖަސްޓިސް މިނިސްޓީން ނުވަތަ އެޓާނީ ޖެނެރަލް ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ.

ނަތަންޔާހޫއާ ދެކޮޅަށް ފެންމަތިވި މައްސަލަތައް ބެލުމަށް އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ޖަރުމަނުން އާ ސަބްމެރިންއެއް ގަތް މައްސަލާގައި ވެސް ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން އެކަމުގެ ތަހުގީގެއް މިދިޔަ މަހު ފަށައިފަ އެވެ. އެއީ ސަބްމެރީން ގަތުމަށް މަޝްވަރާ ކުރި ބައްދަލުވުންތަކުގައި ނަތަންޔާހޫގެ ވަކީލް ބައިވެރިވެފައިވާތީ އެވެ.

މީގެ އިތުރުން ނަތަންޔާހޫގެ ކެމްޕޭނަށް 2009 ވަނަ އަހަރު އެތައް ހާސް ޔޫރޯއެއް ދިން ކަމަށް ފްރާންސްގެ ވަގު ވިޔަފާރި ކުރާ މީހަކު ވަނީ ބުނެފަ އެވެ. އެކަމަކު ނަތަންޔާހޫ ވަނީ އެކަން ދޮގުކޮށްފަ އެވެ. ސަރުކާރުގެ ފައިސާ އިސްރާފު ކުރާ ކަމަށް ވެސް ނަތަންޔާހޫގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުން އިނގިރޭސި ވިލާތަށް ކުރި އެންމެ ދަތުރަކަށް މަތިންދާ ބޯޓުގެ ބެޑްރޫމް ބަދަލު ކުރަން 127،000 ޑޮލަރު ހޭދަކުރި މައްސަލައެއް ވެސް ހިމެނެ އެވެ.

ބޮޑު ވަޒީރު ކަމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް ހަވާލު ކުރަން ޖެހޭ ހަދިޔާތަކެއް ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ އަތުގައި ބެހެއްޓި މައްސަލައެއްގެ ތަހުގީގު، އަށް މަސް ދުވަހަށް 2000 ވަނަ އަހަރު ހިންގުމަށް ފަހު ފުލުހުން ވަނީ ނަތަންޔާހޫ ކުށްވެރިވާ ކަމަށް ބުނެފަ އެވެ. އަދި ހަމަ އެދުވަސްވަރު ވަނީ ސަރުކާރުގެ ފައިސާ އިން އަމިއްލަ ގޭ ހެދި މައްސަލައެއް ވެސް ނަތަންޔާހޫގެ ދެކަނބަލުންގެ މައްޗަށް ފެންމަތިކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މި ދެ މައްސަލަ ވަނީ ދޫކޮށްލައިފަ އެވެ.