ގްރީކު ސަފީރު މަރާލީ އޭނާގެ އަންހެނުންގެ ލޯބިވެރިޔާ: ފުލުހުން

ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 31) - ގްރީކް ސަފީރު ކިރިއަކޮސް އަމިރިޑިއަސް މަރާލީ އޭނާގެ ހުވަފަތް އަންހެނުން ފްރެންކޮއިސް ޑި ސޫޒާ އޮލިވެއިރާގެ ލޯބިވެރިޔާ އަދި ފުލުސް އޮފިސަރެއް ކަމަށްވާ ސާގިއޯ ގޯމޭޒް މޮރެއިރާ ކަމަށް ބްރެޒިލްގެ ރަސްމީ ނިއުސް އެޖެންސީ ބްރެސިލް އިން ބުނެފި އެވެ.


ގްރީސް އިން ބެރެޒިލަށް ކަނޑައަޅާފައިވާ ސަފީރުގެ މަރުގެ ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ އިސްވެރިޔާ އެވަރިސްޓޯ ޕޮންޓެސް ވިދާޅުވީ ސަފީރު މަރާލީ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް ގޯމޭސް މޮރެއިރާ ބުނާ ކަމަށެވެ. އަދި އޭނާގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ އެޑްއާޑޯ މޮރެއިރާ ޑި މެލޯގެ އެހީ ހޯދީ ސަފީރުގެ ހަށިގަނޑު އެއްލާލަން ކަމަށް މޮރެއިރާ ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މޮރެއިރާ ބުނަނީ ސަފީރާ އެކު ގަޔަށް އަތްލާ ހިސާބަށް ދިއުމުން އޭނާގެ އަމިއްލަ ދިފާއުގައި ސަފީރު މަރާލުން ނޫން ގޮތެއް ނެތް ކަމަށް. އަދި ތިމާގެ މީހެއްގެ އެހީ ހޯދީ ސަފީރުގެ ހަށިގަނޑު އެއްލާލަން ކަމަށް، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮންޓެސް ވިދާޅުވި އެވެ.

އަވަހާރަކޮށްލި ސަފީރުގެ ހުވަފަތް އަނބިކަނބަލުން. --ފޮޓޯ:އޭޕީ

ސަފީރު އަމިރިޑްސް، 59، ޗުއްޓީގައި ރިއޯ ޑި ޖެނީރޯގެ އުތުރުގެ ހިސާބަކަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ގެއްލިފަ އެވެ. އޭނާގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނިފައި ވަނީ އަލިފާން ރޯކޮށްލާފައިވާ ކާރެއްގެ ޑިކީ ތެރޭންނެވެ. ސަފީރުގެ މަރުގެ ތުހުމަތާ ގުޅިގެން އޭނާގެ ހުވަފަތް އަނބިމީހާ ޑި ސޫޒާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ސަފީރުގެ މަރުގައި ބައިވެރި ނުވާ ކަމަށް ޑި ސޫޒާ ބުނާ ކަމަށް ފުލުހުން ބުނެ އެވެ.

ޑި ސޫޒާ ފުލުހުންނަށް ބުނެފައި ވަނީ ކުއްޔަށް ނެގި ކާރެއްގައި ހޯމަ ދުވަހު ހަވީރު ސަފީރު އަމިރިޑިސް ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށެވެ. އެކަމަކު ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ސަފީރު އުޅުނު ގޭގެ ސޯފާ އިން ލޭގެ އަސަރު ވެސް ފެނިފައިވާ ކަމަށެވެ.

ގްރީކުގެ ސަފީރު މަރާލާފައި އޮތް ކާރު އަންދާލާފައި. --ފޮޓޯ:އޭއެފްޕީ

ބްރެޒިލްގެ ސަފީރުގެ މަގާމަށް އަމިރިޑިސް މިދިޔަ ޖެނުއަރީ މަހު ހަމަޖެއްސި ފަހުން އޭނާ އުޅުއްވަނީ ވެރިރަށް ބްރެސީލިއާގަ އެވެ. އެކަމަކު 2001- 2004 އަށް ކޮންސުލް-ޖެނެރަލްގެ މަގާމު އަދާކުރެއްވި އިރު ރިއޯގައި ހުންނަ ގެއަށް ވަރަށް ގިނައިން ޗުއްޓީ އަށް ވަޑައިގަންނަވަ އެވެ. އަމިރިޑިސް އާއި ޑި ސޫޒާ ކައިވެނިކޮށްގެން އުޅޭތާ 15 އަހަރު ވެއްޖެ ކަމަށާއި އެ ދެމަފިރިންގެ 10 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ކަމަަށް ބްރެޒިލްގެ ޓީވީ ސްޓޭޝަނަކުން ބުނެފައިވެ އެވެ.