ކޮރަޕްޝަނުގެ މައްސަލާގައި އިޒްރޭލް ފުލުހުން ނަތަންޔާހޫއާ ސުވާލުކޮށްފި

ތެލް އަވީވް (ޖެނުއަރީ 3) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އޭނާއާ ސުވާލުކޮށްފި އެވެ.


ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލުން ބުނީ ނަތަންޔާހޫއާ ސުވާލުކޮށްފައި ވަނީ "ވިޔަފާރިވެރިންގެ އަތުން ހަދިޔާ ހޯދާފައިވާ" މައްސަލައަކާ ގުޅޭ ގޮތުން ކަމަށެވެ. ޖެރޫސަލްގައި ހުންނަ ނަތަންޔާހޫގެ ގޭގައި އޭނާއާ ތިން ގަޑިއިރު ވަންދެން ސުވާލު ކުރި ކަމަށް ޖެރޫސަލް ޕޯސްޓުން ބުނެފައިވެ އެވެ.

ނަތަންޔާހޫއާ ސުވާލު ކުރަން ތަހުގީގުކުރާ ފަރާތްތަކުން އޭނާގެ ގެ އަށް ދިއުމުގެ ކުރިން ވެސް ނަތަންޔާހޫ ވިދާޅުވަމުން ގެންދިޔައީ އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށެވެ. އަދި މީޑިއާ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންޒާރު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ "އެއްކަމެއް ވެސް ނުވާނެ ކަމަށާއި ސަބަބަކީ އެއްކަމެއް ވެސް ހިނގާފައި ނުވާތީ" ކަމަށެވެ.

ޖެރޫސަލް ޕޯސްޓުން ބުނީ އިޒްރޭލުގެ ވިޔަފާރިވެރިންގެ އިތުރުން ބައިނަލްއަގުވާމީ ކުންފުނިތަކުން ވެސް ނަތަންޔާހޫ "ހަދިޔާ" ގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ހޯދާފައިވާ ކަމަށެވެ.

ލިކޫޑް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވާ ނަތަންޔާހޫ އިއްޔެ ވިދާޅުވީ ކަން ނިމިގެންދާ އިރު މަންޒަަރު ސާފުވާނެ ކަމަށެވެ.

ނަތަންޔާހޫ ކުރިން ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް އޭނާ ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ހެއްކެއް ނުދެއްކޭނެ ކަމަށެވެ. މި ކަން ވެސް ނިމިގެން ދާނީ އޭނާގެ މައްޗަށް ކުރިން ކުރި އަސްލެއް ނެތް ތުހުމަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ.

ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް

* ޖަރުމަނުން އާ ސަބްމެރިންއެއް ގަތް މައްސަލާގައި ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން އެކަމުގެ ތަހުގީގެއް މިދިޔަ މަހު ފަށައިފަ އެވެ. އެއީ ސަބްމެރީން ގަތުމަށް މަޝްވަރާ ކުރި ބައްދަލުވުންތަކުގައި ނަތަންޔާހޫގެ ވަކީލް ބައިވެރިވެފައިވާތީ އެވެ. * ނަތަންޔާހޫގެ ކެމްޕޭނަށް 2009 ވަނަ އަހަރު އެތައް ހާސް ޔޫރޯއެއް ދިން ކަމަށް ފްރާންސްގެ ވަގު ވިޔަފާރި ކުރާ މީހަކު ވަނީ ބުނެފަ އެވެ. އެކަމަކު ނަތަންޔާހޫ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

* ސަރުކާރުގެ ފައިސާ އިސްރާފު ކުރާ ކަމަށް ވެސް ނަތަންޔާހޫގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުން އިނގިރޭސި ވިލާތަށް ކުރި އެންމެ ދަތުރަކަށް މަތިންދާ ބޯޓުގެ ބެޑްރޫމް ބަދަލު ކުރަން 127،000 ޑޮލަރު ހޭދަކުރި މައްސަލައެއް ވެސް ހިމެނެ އެވެ. * ބޮޑު ވަޒީރު ކަމުގެ މަގާމުގެ ފުރަތަމަ ދައުރު ހަމަވުމުން ވެސް ސަރުކާރަށް ހަވާލު ކުރަން ޖެހޭ ހަދިޔާތަކެއް ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ އަތުގައި ބެހެއްޓި މައްސަލައެއްގެ ތަހުގީގު، އަށް މަސް ދުވަހަށް 2000 ވަނަ އަހަރު ހިންގުމަށް ފަހު ފުލުހުން ވަނީ ނަތަންޔާހޫ ކުށްވެރިވާ ކަމަށް ބުނެފަ އެވެ.

* އަދި ހަމަ އެދުވަސްވަރު ވަނީ ސަރުކާރުގެ ފައިސާ އިން އަމިއްލަ ގޭ ހެދި މައްސަލައެއް ވެސް ނަތަންޔާހޫގެ ދެކަނބަލުންގެ މައްޗަށް ފެންމަތިކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މި ދެ މައްސަލަ ވަނީ ދޫކޮށްލައިފަ އެވެ.