ފަލަސްތީނުގެ ޒުވާނާ މެރި އިޒްރޭލް ސިފައިންގެ މީހާ އަށް މައާފް ދިނުމަށް ނަތަންޔާހޫ ގޮވާލައްވައިފި

ގުދުސް (ޖެނުއަރީ 5) - ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހާ މަރާލި އިޒްރޭލް ސިފައިންގެ މީހާ ކުށްވެރިވާ ކަމަށް ކޯޓުން ހުކުމްކުރި ނަމަވެސް އޭނާ އަށް މައާފް ދިނުމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލައްވައިފި އެވެ.


ޒަޚަމްވެގެން ވެއްޓިފައި އޮތް ފަލަސްތީނުގެ 21 އަހަރުގެ ޒުވާނާ އަބްދުލް ފައްތާހު އަލް ޝާރިފްގެ ބޮލަށް ބަޑި ޖެހީ އިޒްރޭލް ސިފައިންގެ ސާޖެންޓެއް ކަމަށްވާ އެލޯ އަޒާރިއާ، 20، އެވެ. ހުޅަނގު އައްސޭރީގެ ހިބްރޫންގައި މި ހާދިސާ ހިންގާފައި ވަނީ މިދިޔަ އަހަރުގެ މާޗު 24 ގަ އެވެ. ޝާރިފާއި ފަލަސްތީނުގެ 21 އަހަރުގެ އެހެން ޒުވާނެއް ކަމަށްވާ ރަމްޒީ އަޒީޒް އަލް ގަސްރަވީ ވަނީ އިޒްރޭލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިން ބަޑިޖަހާ ގަސްރަވީ މަރާލުމަށް ފަހު ޝާރިފް ވަނީ ޒަޚަމްކޮށްލައިފަ އެވެ. ފަލަސްތީނުގެ މީހަކު ނަގާފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ޝާރިފް އޭރު މަރެއް ނުވެ އެވެ. އޭގެ ފަހުން މާދުރުގައި ހުރި އަޒާރިއާ އައިސް ޝާރިފްގެ ބޮލަށް ބަޑިޖަހާ މަރާލަ އެވެ.

ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނާ ގަޔަށް އިޒްރޭލް ސިފައިންގެ މީހާ ބަޑި ޖަހަނީ. --ފޮޓޯ:އޭއެފްޕީ

މި މައްސަލާގައި އަޒާރިއާ ކުށްވެރިވާ ކަމަށް އިޒްރޭލުގެ އަސްކަރީ ކޯޓަކުން އިއްޔެ ވަނީ ނިންމައިފަ އެވެ. އޭނާގެ މައްޗަށް ހުކުމްކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ. ގަސްދަކާ ނުލައި ނަމަވެސް ކުރާ ކަމަކުން މީހަކު މަރުވެއްޖެ ނަމަ އިޒްރޭލުގައި ދޭ އަދަބަކީ ގިނަވެގެން 20 އަހަރަށް ޖަލަށްލުމެވެ.

އަޒާރިއާ އަށް މައާފް ދިނުމަށް ނަތަންޔާހޫ ގޮވާލެއްވި އިރު އިޒްރޭލް ސަރުކާރުގެ ބައެއް ވަޒީރުން ވެސް ދަނީ އޭނާ އަށް މައާފް ދިނުމަށް ގޮވާލައްވަމުންނެވެ. އޭގެ ތެރޭގައި ކަނާތު ފިޔައިގެ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ވެސް ހިމެނެ އެވެ. އިޒްރޭލުގެ ދިފާއީ ވަޒީރު އެވިގްދޯ ލީބަމަން ވިދާޅުވީ ސިފައިންގެ މީހާ އާއި އޭނާގެ އާއިލާ އަށް އެހީވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ހުކުމާ މެދު ފަހު ބަސް ވިދާޅުވާ އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވިދާޅުވީ މި މައްސަލައާ މެދު ވަކި ގޮތެއް ނިންމާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމުން ކަމަށެވެ.

ފަލަސްތީނުގެ ޒުވާނާގެ ބޮލަށް ބަޑިޖެހި އިޒްރޭލް ސިފައިންގެ މީހާގެ އާއިލާ އިން ބުނަނީ އަޒަރިއާގެ ކުށެއް ނެތްކަން ސާބިތު ކުރަން ހުށަހެޅި ހެކި ކޯޓުން ގަބޫލް ނުކުރި ކަމަށް.

އަޒާރިއާ ބުނީ އޭނާ ހީކުރީ ޝާރިފް އޮތީ ގައިގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށެވެ. އެކަމަކު ކޯޓުގެ ތިން ފަނޑިޔާރުން ފާހަގަކުރި ގޮތުގައި ފަލަސްތީނުގެ ޒުވާނާ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާ ހިންގިތާ މާގިނައިރެއް ނުވަނީސް އަޒާރިއާއާ ސިފައިން ސުވާލު ކުރުމުން އޭނާ އެ ވާހަކަ ބުނެފައި ނުވާ ކަމަށެވެ. އަދި ފަލަސްތީނުގެ ޒުވާނާ ވަނީ އަޒާރިއާގެ ރަހުމަތްތެރިއެއްގެ ގަޔަށް ވަޅި ޖަހާފައި ކަމަށާއި "އެހެންވެ އޭނާ އަށް މަރު ހައްގުވެއްޖެ" ކަމަށް އަޒާރިއާ ބުނި ކަމަށް ސިފައިންގެ މީހަކު ހެކިދީފައިވާ ކަމަށް ވެސް ފަނޑިޔާރުން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު އަޒާރިއާ ކޯޓުގައި ބުނީ އޭނާ އެކަހަލަ ވާހަކައެއް ދެއްކި ހަނދާނެއް ނެތް ކަމަށެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އަޒާރިއާގެ މަގްސަދަކީ މީހަކު މެރުން ކަމަށެވެ. އަދި އޭނާ ހަމަލާދިނީ އެއްވެސް ބިރުވެރިކަމެއް ކުރިމަތިކުރުވޭނެ ފަދަ ހާލަތެއްގައި އޮތް މީހަކަށް ނޫން ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ.

އަޒާރިއާގެ އާއިލާ އިން ބުނީ އަޒާރިއާގެ ކުށެއް ނެތް ކަމަށް ދެއްކި ހުރިހާ ހެއްކެއް ކޯޓުން ބަލައިގެންފައި ނުވާ ކަމަށެވެ. އަޒާރިއާގެ މަންމަ ފަނޑިޔާރުންނަށް ހަޅޭއްލައްވަމުން ބުނެފައި ވަނީ "ކަލޭމެންގެ އަމިއްލަ ނަފްސަށް ވެސް ލަދުގަންނަން ޖެހޭނެ" ކަމަށެވެ.

ފަލަސްތީނުގެ ޒުވާނާ ޝާރިފްގެ ބައްޕަ ޔުސްރީ ބުނީ އަޒާރިއާ އަށް އަންނަން ޖެހޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ އޮކްޓޯބަރު 2015 ގެ ފަހުން މި ބާވަތުގެ 150 އަށް ވުރެ ގިނަ ހަމަލާ ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ދީފައިވާ ކަމަށެވެ.