އެޕަލް ކުންފުނީގެ ސީއީއޯގެ އާމްދަނީ 145 މިލިއަން ޑޮލަރަށް

ވޮޝިންޓަން (ޖެނުއަރީ 8) - އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކުގެ މުސާރަ އާއި ބޯނަސް އަދި ކުންފުނީގެ ހިއްސާ އިން މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި އޭނާ އަށް 145 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.


ކުކްގެ މުސާރަ އާއި ބޯނަހުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައި ވަނީ 8.7 މިލިއަން ޑޮލަރެވެ. އެކަމަކު މިއީ އޭގެ ކުރީ އަހަރު ލިބުނު 10.3 މިލިއަން ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.

ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުކް އަށް ލިބެން ޖެހޭ ހިއްސާ އިން އޭނާ އަށް ވަނީ 136 މިލިއަން ޑޮލަރު ލިބިފަ އެވެ. އެހެންވެ އެޕަލް އިން ކުކް އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ މިވަނީ ގާތްގަނޑަކަށް 145 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

އެޕަލްގެ ސީއީއޯގެ މަގާމު ކުކް އަދާކުރައްވަމުން ގެންދަވަނީ އޮގަސްޓް 2011 އިން ފެށިގެންނެވެ.

އެޕަލް ކުންފުނީގެ އެހެން އެގްޒެކެޓިވުންގެ މުސާރަ އާއި އިނާޔަތްތައް މިދިޔަ އަހަރު ވަނީ ދަށްވެފަ އެވެ. ޗީފް ފައިނޭންޝަލް އޮފިސާ ލޫކާ މައެސްޓްރީ، ސީނިއާ ވައިސް ޕްރެޒިޑެންޓް، ރީޓެއިލް އެންޖެލާ އަހުރެންޑްސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ވަނީ ސެޕްޓެމްބަރަށް ނިމުނު މިދިޔަ މާލީ އަހަރު 23 މިލިއަން ޑޮލަރު ލިބިފަ އެވެ. އެކަމަކު 2015 ވަނަ އަހަރު ވަނީ 25 މިލިއަން ޑޮލަރު ލިބިފަ އެވެ.

ކުކުގެ ބޭސިކް މުސާރަ އަކީ އަހަރަކު ތިން މިލިއަން ޑޮލަރެވެ. އަދި އެޕަލްގެ އެހެން އެގްޒެކެޓިވުންގެ ބޭސިކް މުސާރަ އަކީ އެއް މިލިއަން ޑޮލަރެވެ.

އެޕަލް ކުންފުނީގެ މިދިޔަ އަހަރުގެ ނެޓް ސޭލްސް އަކީ 215.6 ބިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 7.7 ޕަސެންޓް ދަށް އަދަދެކެވެ. އޮޕަރޭޓިން އިންކަމް ވެސް ދަށްވެ މިދިޔަ އަހަރު ލިބިފައި ވަނީ 60 ބިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރާ ބަލާއިރު 15.7 ޕަސެންޓުގެ ދަށްވުމެކެވެ.