އޮބާމާގެ ވެރިކަމުގައި ވަނީ އަލަށް 11.3 މިލިއަން ވަޒީފާ އުފައްދާފައި

ވޮޝިންޓަން (ޖެނުއަރީ 8) - އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދައުރު ނިމިގެންދާ އިރު އެމަނިކުފާނު ވަނީ 11.3 މިލިއަން ވަޒީފާ މުޅިން އަލަށް އުފައްދާފައި ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.


އެމެރިކާގެ ކުރީގެ ރައީސުން ކަމަށް ރޮނަލްޑް ރޭގަންގެ ދައުރުގައި 15.9 މިލިއަން ވަޒީފާ އުފެއްދި އިރު ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި ވަނީ 22.9 މިލިއަން ވަޒީފާ އުފައްދައިފަ އެވެ. އެމެރިކާގެ ފަހުގެ ތާރީހުގައި ދެ ދައުރު ވެރިކަން ކުރެއްވި ބޭފުޅުންނަށް ބަލާއިރު ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގައި އުފައްދާފައި ވަނީ 2.1 މިލިއަން ވަޒީފާ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ޖެނުއަރީ، 2009 ގައި ރައީސްކަމާ އޮބާމާ ހަވާލުވެވަޑައިގެންނެވި އިރު ދުނިޔެ އޮތީ ބޮޑު ރިސެޝަނެއްގަ އެވެ. އެތައް ލައްކަ ވަޒީފާއެއް ކޮންމެ މަހަކު އެމެރިކާ އިން ދިޔައީ ގެއްލެމުންނެވެ. އަދި އެއީ 1930 ގެ އަހަރުތަކުގައި އެމެރިކާ ތަޖްރިބާކުރި ގްރޭޓް ޑިޕްރެޝަނަށް ފަހު އިގްތިސާދީ ގޮތުން އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވި ދުވަސްވަރު ވެސް މެ އެވެ. ނަމަވެސް 2010 ގެ ފަހުކޮޅާ ހަމަައަށް ދިޔަ އިރު އިގްތިސާދު ރަނގަޅުވެ އަދި 2014 އާއި 2015 ވަނަ އަހަރު ހިމެނިފައި ވަނީ 1990 ގެ އަހަރުތަކަށް ފަހު އެންމެ ގިނަ ވަޒީފާ އުފެއްދި ދެ އަހަރުގެ ގޮތުގަ އެވެ.

މި މަހު 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމުން އޮބާމާ ފައިބައިވަޑައިގަތުމުން ދެން ވެރިކަމަށް ވަޑައިގަންނަވާނީ ޑޮނަލްޑް ޓްރަމްޕެވެ.