ލޮރީއަކުން ޖައްސައި އިޒްރޭލުގެ 4 ސިފައިން މަރާލައިފި

ހުޅަނގު ގުދުސްގައި އިޒްރޭލު ސިފައިންގެ ބައެއްގެ ގައިގައި މިއަދު ހަވީރު ލޮރީއަކުން ޖައްސައި ސިފައިންގެ ހަތަރު މީހަކު މަރާލައިފި އެވެ.


ހުޅަނގު ގުދުސްގައި ހަދާފައިވާ ޔަހޫދީ އާބާދީއެއްގައި ދިރިއުޅޭ ސިފައިންގެ ބަޔަކު ބަހުގައި އައިސް އެ އާބާދީގެ ބަސް ސްޓޮޕްއަކަށް ފޭބިތަނާ ދިން މި ހަމަލާގައި ސިފައިންގެ އިތުރު 15 މީހަކު ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލު ފުލުހުން ބުނާ ގޮތުގައި ސިފައިންގެ ގައިގައި ޖެއްސި ލޮރީ ދުއްވަން އިނީ އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހެކެވެ. އޭނާ ލޮރީގައި ބާރު ދުވެލީގައި އައިސް ސިފައިންތަކުގެ ތެރެއަށް ވަދެގަތުމާ އެކު، އެ ތަނުގައި ހުރި ފާރަވެރިއަކު ފިސްތޯލަ ޖަހައި އޭނާ މަރައިލި އެވެ.

އިޒްރޭލު ސިފައިންގެ ގައިގައި ޖެއްސި ލޮރީ ކައިރީގައި އިޒްރޭލު ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ ރޮއިޓާސް

އިޒްރޭލު ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި މަރުވެފައިވަނީ އަދި ޒަޚަމްވެފައިވަނީ ވެސް އުމުރުން 20ގެ އަހަރުތަކުގެ ޒުވާން ސިފައިންނެވެ. މިއީ، މި ދިޔަ ދެތިން މަހުގެ ތެރޭގައި، އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާ އެވެ.

އާންމު ގޮތެއްގައި ކުދި ހިލަ އިން އިޒްރޭލު ސިފައިންނަށް ހަމަލާ ދެމުން އައި ފަލަސްތީނުގެ ޒުވާނުން މިހާރު ދަނީ އެ މީހުންގެ ހަމަލާތަކުގައި އިތުރު އުކުޅުތައް ވެސް ބޭނުން ކުރަމުންނެވެ. އެ ގޮތުން ޔަހޫދީންގެ ގައިގައި އެއްގަމު އުޅަނދުތަކުން ޖެއްސުމުގެ ހަރަކާތްތައް ފެށިފައިވަނީ 2015 އޮކްޓޫބަރުން ފެށިގެންނެވެ. އޭގެ އިތުރުން އިޒްރޭލުގެ އާންމުންނާއި ސިފައިންނަށް ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ ހަރަކާތްތައް ވެސް މިހާރު ވަނީ ފެށިފަ އެވެ.

ވެއަތުގެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި މަގުމަތިން ދިން މިފަދަ ހަމަލާތަކުގައި އިޒްރޭލުގެ 37 މީހަކާއި ޓޫރިސްޓުންގެ ގޮތުގައި އިޒްރޭލަށް ގޮސް އުޅުނު އެމެރިކާގެ ދެ މީހަކު ވަނީ މަރާލައިފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 231 މީހަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ.