ތާއީދު ލިބޭ ގޮތަށް ޚަބަރު ލިޔާ ނަމަ އިސްތިހާރު ލިބޭ ގޮތް ހަދައިދޭން ނަތަންޔާހު ހުށަހެޅި މައްސަލައެއް ފަޅާއަރައިފި

ކޮރަޕްޝަންގެ ތުހުމަތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މައްޗަށް ތަހުގީގު ހިންގަމުން ދަނިކޮށް، ނަތަންޔާހޫއާ އެއްކޮޅަށް ޚަބަރު ލިޔުމަށް ނޫހަކަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ފަޅާއަރައިފި އެވެ.


ނަތަންޔާހޫ އާއި އިޒްރޭލުގެ އެންމެ ބޮޑު ނޫސް ކަމަށްވާ ޔެދިއޮތު އަޚްރަނޮތުގެ ވެރިޔާ އާނަން މޯޒެޒް ދައްކާފައިވާ ވާހަކަތަކެއްގެ ރެކޯޑިން ލީކުވެފައި ވާއިރު އެ ނޫހުން ނަތަންޔާހޫއާ އެއްކޮޅަށް ޚަބަރުތައް ގެނެސްދޭ ނަމަ ނޫހަށް ގިނައިން އިސްތިހާރު ލިބޭނެ ގޮތް ހަދައިދޭން ނަތަންޔާހޫ ހުށަހަޅުއްވަ އެވެ. ނަމަވެސް މި ތުހުމަތަށް ނަތަންޔާހޫ ވަނީ އިންކާރު ކުރައްވައިފަ އެވެ.

އިޒްރޭލުގެ ޗެނަލް 2 ޓީވީން ބުނި ގޮތުގައި ނަތަންޔާހޫ ހުށަހަޅުއްވަނީ އިޒްރޭލުގައި ހިލޭ ބަހާ އަދި ޔެދިއޮތު އަޚްރަނޮތުގެ އެންމެ ވާދަވެރި ނޫސް ކަމަށްވާ "އިޒްރާއިލް ހަޔޮމް" ނޫސް ޗާޕުކުރާ އަދަދު މަދުކުރުމަށެވެ. އޭރުން ޔެދިއޮތު އަޚްރަނޮތަށް ގިނައިން އިސްތިހާރު ލިބި ވިޔަފާރީގެ ގޮތުން ފައިދާ ހޯދަން ފަސޭހަ ވާނެ އެވެ.

އިޒްރާއިލް ހަޔޮމް އަކީ ނަތަންޔާހޫ އަށް ތާއީދުކުރާ އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ޝެލްޑަން އަޑެލްސަންގެ ނޫހެކެވެ. އޭނާ އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީ އަށް ވެސް ޚަރަދުކުރާ މީހެކެވެ.

މި ވާހަކަތައް ދައްކާފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. މީޑިއާ ރިޕޯޓްތަކުގައި ލަފާކޮށްފައި ވަނީ މި ވާހަކަތައް ރެކޯޑްކޮށްފައި ވަނީ މޯޒެޒް ކަމަށެވެ.

އުސޫލުތަކާ ޚިލާފަށް ހަދިޔާ އާއި މާލީ މަންފާ ހޯދި މައްސަލައެއްގައި ނަތަންޔާހޫގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުންނެވެ. ނަތަންޔާހޫގެ ވަކީލުން ވިދާޅުވަނީ އެކުވެރިން ދޭ ހަދިޔާ ގަބޫލުކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ނަތަންޔާހޫ ގޯސްކޮށް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން މީޑިއާގައި ފަތުރާ ވާހަކަތަކާ މެދު ނަތަންޔާހޫ ފާޑު ވިދާޅުވެ ވާހަކަ ދައްކާވަފައިވާ ކަމަށްވެ އެވެ.