ސްޕޮޓިފައި އިން އޮބާމާ އަށް ވަޒީފާއެއް ހުށަހަޅައިފި

މިއުޒިކް ސްޓްރީމިންގެ ހިދުމަތް ދޭ ސްޕޮޓިފައިގެ ނަން ބޭނުންކުރައްވައިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޖެއްސެވި ޖޯކެއްގެ ބަދަލުގައި އެތަނުން އޮބާމާ އަށް ވަޒީފާއެއް ހުށަހަޅައިފި އެވެ.

ސްޕޮޓިފައި އިން އިއުލާނުކުރި ވަޒީފާ ހާއްސަކޮށްފައި ވަނީ ރައީސް ކަމުގެ މަގާމުގައި ދެ ދައުރު ފުރިހަމަކުރެއްވުމަށް ފަހު މި މަހު މަގާމުން ވަކިވެވަޑައިގަންނަވާ އޮބާމާ އަށް ކަމެއް ސީދާ ބުނެފައެއް ނުވެ އެވެ. އެކަމަކު މަގާމުގެ ނަމާއި މަގާމުގެ ޝަރުތުތަކަށް ބަލާއިރު އެއީ އެމެރިކާގެ 44 ވަނަ ރައީސް އޮބާމާގެ ވާހަކަކަށް ރީއްޗަށް އެނގެ އެވެ.

"ޕްރެޒިޑެންޓް އޮފް ޕްލޭލިސްޓްސް" ގެ މަގާމަށް މީހަކު ބޭނުންވެއްޖެ ކަމަށް ބުނެ ޖަހާފައިވާ އިސްތިހާރުގައި ބުނެފައިވާ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާ ޕްލޭލިސްޓްތައް ހެދުމަށް ބޭނުންވާ ޚިޔާލާއި މައުލޫމާތު ހޯދުން ހިމެނެ އެވެ. މިސާލެއްގެ ގޮތުގައި ބުނެފައި ވަނީ މަގާމަށް ކުރިމަތިލާ މީހާގެ ނަން ވެސް އަންނަ ހެލްތު ކެއާ ބިލެއްގެ ވާހަކަ ގައުމާ މުޚާތަބުކޮށް ދެއްކުމުގެ ކުރިން ވޯމްއަޕްކޮށްލަން ކަމުދާ ޕްލޭލިސްޓެއް އެކުލަވާލަން އެނގުމެވެ.

ލިބެން ހުރި އިންޓެލިޖެންސް މައުލޫމާތު ބޭނުންކޮށްގެން، ޕްލޭލިސްޓްތަކުގެ މަގުބޫލުކަން ދެ ފުށް ފެންނަ ގޮތެއްގައި ދިރާސާކޮށް ބެލުން އަދި ކޮންމެ ދުވަހެއްގެ ބްރީފިން އަށް ހާޒިރު ވުމަކީ ވެސް މަގާމުގެ ޒިންމާއެކެވެ.

މަގާމަށް ކުރިމަތިލާ މީހަކީ ބާރުގަދަ ގައުމެއް ހިންގުމުގެ އަށް އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭނެ ކަމަށާއި އެ މީހަކީ އަހުލާގު ރަނގަޅު، މީހުންނާ ގުޅޭ އަދި ނޯބެލްގެ ސުލްހައިގެ އިނާމު ލިބިފައިވާ މީހަކަށް ވުމަކީ ވެސް ޝަރުތެއް ކަމަށް އިސްތިހާރުގައި ބުނެ އެވެ.

ސްޕޮޓިފައި އިން މިގޮތަށް އިސްތިހާރެއް ޖަހާފައި މި ވަނީ ސްޕޮޓިފައިގެ ނަން ބޭނުންކޮށްގެން އޮބާމާ ޖެއްސެވި ޖޯކަކާ ގުޅިގެންނެވެ. އޮބާމާ ވިދާޅުވެފައި ވަނީ ވެރިކަމުގެ ދައުރު ހަމަވުމަށް ފަހު އިންތިޒާރުކުރަމުން ދަނީ ސްޕޮޓިފައިގެ ވަޒީފާ ހުށަހަޅަންދެން ކަމަށެވެ. އޮބާމާ އިޝާރާތްކުރައްވާފައި ވަނީ ވެރިކަން ނިމުމަށް ފަހު ކަމެއް ނެތި ލަވަ އަޑު އެއްސެވުމުގައި ވަގުތު ހޭދަކުރެއްވުމަށް ކަމަށް ބެލެވެ އެވެ.