ޓްރަމްޕުގެ އިސް މުޝީރަކަށް ދަނބިދަރިފުޅުގެ ނަން ހުށަހަޅައިފި

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް އޭނާގެ އެންމެ އިސް އެއް މުޝީރުގެ މަގާމަށް ދަރިކަނބަލުން އިވަންކާގެ ފިރިކަލުން ޖެރެޑް ކުޝްނާގެ ނަން ހުށަހަޅުއްވައިފި އެވެ.


އުމުރުން 35 އަހަރުގެ ކުޝްނާ ވަނީ ޓްރަޕްމުގެ ރިޔާސީ ކެމްޕޭނުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ވައިޓް ހައުސްގައި އޭނާ އަދާކުރައްވާ ވަޒީފާގައި އެމެރިކާގެ އަދި ޚާރިޖީ ދާއިރާއާ ގުޅުން ހުރި ކަންކަމުގައި ވެސް ޓްރަމްޕަށް ލަފާ ދެއްވާނެ އެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރިތައް ހިންގަވަމުން ގެންދަވާ ކުޝްނާގެ ނަން މުޝީރުކަމަށް ހުށަހެޅުމާ އެކު ޑިމޮކްރެޓިކް ޕާޓީން ވަނީ ފާޑު ކިޔައިފަ އެވެ. އެ ޕާޓީގެ މެންބަރުން ވިދާޅުވީ އާއިލީ ގުޅުން އޮންނަ މީހުންނަށް މަގާމުތައް ދިނުމާ ބެހޭ ގާނޫނުތަކާ މިކަން ޚިލާފު ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާނެ ކަމެއްގެ ގޮތުގައި ވެސް އިދިކޮޅު ޑިމޮކްރެޓުން ދަނީ ފާހަގަކުރަމުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި އޮންނަ ހައުސް ޖުޑިޝަރީ ކޮމިޓީން މި މައްސަލައިގެ ތެރެއަށް ވަދެ އެކަން ހުއްޓުވަން ޑިމޮކްރެޓުން ވަނީ ގޮވާލައިފަ އެވެ. އެކަމަކު ޓްރަމްޕުގެ ޓީމުން ބުނަނީ އާއިލީ މެންބަރުންނަށް މަގާމުތައް ދިނުމާ ބެހޭ ގާނޫނުތަކުން، ވައިޓް ހައުސްގެ މަގާމުތައް އިސްތިސްނާވާ ކަމަށެވެ. އެކަމަކު ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް ވިޔަފާރިއަކުން ފައިދާ ހޯދައިގެން ނުވާނެ ކަމަށް ބުނާ ގާނޫނުތައް ވެސް ހުރެ އެވެ.

ކުޝްނާގެ ނަން މަގާމަށް ހުށަހެޅުއްވުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ ދަނބިދަރިކަލުންނަކީ ވަރަށް އަގުހުރި ރައުސުލްމާލެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ އަށް ސަރުކާރުގެ އިސް މަގާމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް މަގާމުގެ ހުވާ ކުރައްވާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.