ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސަބްމެރިންއަކުން ކްރޫޒް މިސައިލެއް ޓެސްޓްކޮށްފިކަން އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ބަބުރް-3 ގެ ނަން ދީފައިވާ މި މިސައިލަކީ 450 ކިލޯމީޓަރު (280 މޭލު) އަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ، ނިއުކްލިއާ ވޯހެޑް ވެސް އުފުލުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ކަމަށް ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.
މި ކާމިޔާބު ޓެސްޓާ އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ގޮތުން ގައުމު ކުރިއަށްދާ މިންވަރު ހާމަކޮށްދިން އަދި ގައުމުގެ އަމިއްލަ ދިފާއު ވަރުގަދަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މި ޓެސްޓާ އެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދިއުން އެކަށީގެންވާ ކަމަށެވެ.
އިންޑިއާ އިން 2013 ވަނަ އަހަރު ވަނީ ސަބްމެރިންއަކުން ކްރޫޒް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނު 1947 ވަނަ އަހަރު މިނިވަންވި ފަހުން އެ ދެ ގައުމުގެ މެދުގައި ތިން ހަނގުރާމައެއް ކޮށްފައިވެ އެވެ. އަދި 1998 ވަނަ އަހަރު ދެ ގައުމުން ވެސް ނިއުކްލިއާ ޓެސްޓްކޮށް އޭގެ ފަހުން އެކި ފެންވަރުގެ މިސައިލްތައް ވެސް އަންނަނީ ޓެސްޓްކުރަމުންނެވެ.