ކޯޓަކީ ރަސްމީ ހެދުމުގެ ގޮތުގައި ނުބަލަން ލަންކާއިން ނިންމައިފި

ކޯޓާއި ޓައީ ސްރީ ލަންކާގެ ރަސްމީ ހެދުމުގެ ތެރޭގައި ހިމަނާފައި އޮތް އޮތުން އެ ގައުމުގެ ރައީސް މައިތިރްޕަލަ ސިރިސޭނާ ހޯމަ ދުވަހު ބާތިލްކުރައްވައިފި އެވެ.


މިކަން އިއުލާނުކުރައްވަމުން ސިރިސޭނާ ވިދާޅުވީ ޓައީ އެޅުމާއި ކޯޓު ލުމަށް ވުރެ، ހެދުން އެޅުމުގެ ފަސޭހަ ގޮތްތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންކުރަން ވާނީ މާހައުލާއި މޫސުމަށް ގުޅޭ އެއްޗެހި. އެހެންވެ އަޅުގަނޑު ދަންނަވަނީ ކޯޓު ލުމަކީ ކުރަންޖެހޭ ކަމެއް ނޫނޭ. އެހެންވެ އެ ހެދުން އެޅުމަކީ މިހާރު މިހާރު ކުރަންޖެހޭ ކަމެއް ނޫން،" ސިރިސޭނާ ވިދާޅުވި އެވެ.

ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވީ 1991 ވަނަ އަހަރު ރައީސްގެ ގަރާރަކުން، ކޯޓަކީ ރަސްމީ ހެދުމުގެ ގޮތުގައި ހަމަޖެއްސުމަކީ ހޫނު ގައުމެއްގައި މީހުންނަށް ޖެހުނު އިތުރު އުނދަގުލެއް ކަމަށެވެ. ލަންކާގެ ސަރުކާރު މުވައްޒަފުން ކޯޓު ލިޔަސް ސިޔާސީ ދާއިރާގައި އުޅޭ ފިރިހެނުން އާންމުގޮތެއްގައި ލަނީ ކުރުތާ ފާޑުގެ އަތް ދިގު ހެދުމެކެވެ.

ސްރީ ލަންކާގެ ސިވިލް ސާވިސްގެ އުސޫލުތައް އާންމުގޮތެއްގައި ބިނާވެފައި ވަނީ 1815 އިން 1948 އަށް ލަންކާ އިސްތިއުމާރުކޮށްގެން އުޅުނު އިނގިރޭސީންގެ އުސޫލުތަކަށެވެ.