ތުރުކީ ސިފައިން އިރާގުން ފޭބުމަށް ގޮވާލައިފި

އިރާގަށް ވަދެ ތިބި ތުރުކީވިލާތުގެ ސިފައިން އެ ގައުމުން ފޭބުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ގޮވާލައްވައިފި އެވެ.


އިރާގުގެ ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އައްބާދީ ވިދާޅުވީ، ތުރުކީ ސިފައިން އިރާގުން ފައިބައިގެން މެނުވީ ތުރުކީ އާއި އިރާގުގެ ގުޅުން އިތުރަށް ބަދަހި ނުވާނެ ކަމަށެވެ. ތުރުކީ ސިފައިން އިރާގަށް ވަދެފައިވަނީ އިރާގުގެ އުތުރުގައި އޮންނަ މޫސަލް އަށް ވެރިވެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވުމަށެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ މައި މަރުކަޒެއްގެ ގޮތުގައި ހަދާފައިވަނީ އިރާގުގެ މޫސަލް އާއި ސީރިޔާ އެވެ. ތުރުކީ ސިފައިން އިރާގުގައި ގާއިމްވެ ތިބެނީ މޫސަލްއާ ކައިރީގައި އޮންނަ ބަޝީގާ އަވަށުގައި ފޭލިގެ ޖަހައިގެންނެވެ.

ތުރުކީގެ ދިފާއީ ވަޒީރު ފިކްރީ އިސިކް މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައިވަނީ ތުރުކީ ސިފައިން އިރާގަށް ވަދެ ތިބީ، ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ ތެރެއިން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ތުރުކީން އަޅަމުންދާނެ ކަމަށް ވެސް ފިކްރީ ވިދާޅުވި އެވެ.

މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަށް އިރާގު ސިފައިން މިދިޔަ އޮކްޓޫބަރު މަހު ފެށި ހަމަލާތަކުގައި، އިއްޔެ އަކީ ވެސް ކުރިއެރުންތަކެއް ލިބުނު ދުވަހެއް ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އިއްޔެ ވެސް މޫސަލްގެ ބައެއް އަވަށްތައް ސިފައިންގެ ބާރުގެ ދަށަށް ގެނެވުނު ނަމަވެސް، އައިއެސްގެ ހަނގުރާމަވެރިން އިންސާނީ އައްޑަނައެއްގެ ގޮތުން މޫސަލްގެ އާންމުން ބޭނުންކުރަމުންދާތީ، ބޭނުންވާ ހަލުވިމިނުގައި ހަރަކާތްތެރި ނުވެވުނު ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ދިޖްލަތު ކޯރު ހުރަސްކޮށް މޫސަލްގެ އިރުމަތީ ފަޅި އަށް އިރާގު ސިފައިން މިހާރު ވަދެފައިވާ އިރު، މޫސަލްގެ އެންމެ ބޮޑު އެއް އަވަށް ކަމުގައިވާ ހަދްބާ އަށް އިރާގު ސިފައިން އިއްޔެ ވަނީ ވަދެފަ އެވެ. އަދި އެ އަވަށުގެ ތެރޭގައި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުންދާ ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެ އެވެ.