ޔަމަންގައި އުޅޭ ހޫތީންނަކީ ކޮން ބައެއް؟

ޔަމަންގެ ޙޫޘީން ނުވަތަ އަޅުގަނޑުމެން މި ކިޔާ ހޫތީންނަކީ ޔަމަން ސަރުކާރަށް ވުރެ ވެސް ބާރު ގަދަ ބައެކެވެ. ވެރިކަން ފުރޮޅާލައި އިންތިހާބު ކުރެވިފައިވާ ރައީސް ގައުމުން ބޭރުވާ ހިސާބަށް ކަންތައް ދާނީ ބާރު ގަދަވީމަތާ އެވެ. އެހެން ވިއްޔާ ހޫތީންނަކީ ކޮން ބައެއް ހެއްޔެވެ؟


ހޫތީންނަކީ ދީނީ، އިޖްތިމާއީ އަދި ހަތިޔާރު އެޅި ސިޔާސީ ޖަމާއަތެކެވެ. އުފެދުނީ 1992 ވަނަ އަހަރުގެ ތެރޭގައި "އަންޞާރުﷲ"ގެ ނަމުގަ އެވެ. ޖަމާއަތުގެ ބާނީއަކީ ޝީއީންގެ މަޒްހަބެއް ކަމަށްވާ ޒައިދީ މަޒްހަބުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ބަދަރުއްދީން އަލް ޙޫޘީގެ ދަރި ހުސައިން އަލް ޙޫޘީ އެވެ. އަންޞާރުﷲ"ގެ ނަމުގައި އުފެދުނު ޖަމާއަތަށް ޙޫޘީ މި ނަން ދީފައިވަނީ ހުސައިން ޙޫޘީ އަށް ނިސްބަތް ކޮށެވެ.

ހޫތީ ޖަމާއަތް އުފެދުނީއްސުރެ އެމީހުންގެ މައި މަރުކަޒެއްގެ ގޮތުގައި ބަލަމުން އައީ ޔަމަންގެ ހުޅަނގު އުތުރުގައި އޮންނަ ޞަޢްދާ ސަހަރެވެ. މިހާރުގެ ހަނގުރާމައިގައި ބައިވެރިވުމުގެ ކުރިން ވެސް ހޫތީން ވަނީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ވެރިކަމާ ދެކޮޅަށް 2004 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ހަ ހަނގުރާމައެއް ކޮށްފަ އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ ބަޔަކު ސަންއާގެ ތެރޭގައި ހަރަކާތްތެރިވަނީ. ފޮޓޯ ރޮއިޓާސް

ނަމަވެސް ޔަމަންގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ހޫތީން ކުރާ ހަނގުރާމައިގައި 2014 ވަނަ އަހަރުން ފެށިގެން އެމީހުންގެ އެންމެ މުހިންމު ބައިވެރިއަކީ އަލީ އަބްދުﷲ ސާލިހާއި އޭނާ އަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

ހޫތީން ނިސްބަތްވަނީ ޝީއީންގެ ޒައިދީ މަޒްހަބަށް ނުވަތަ ގަބީލާ އަށެވެ. މިއީ ޝީއީ މަޒްހަބުތަކުގެ ތެރެއިން ސުންނަތު ޖަމާއަތުގެ މަޒްހަބުތަކާ އެންމެ އެއްގޮތް މަޒްހަބެވެ. ނަމަވެސް ޢަގީދާގެ ގޮތުން ބަލާއިރު ޒައިދީންގެ ތެރޭގައި ގިނައީ އީރާނާއި އިރާގާއި ލުބްނާންގައި އޮތް ޝީއީންގެ މަޒްހަބުތަކުގެ އަގީދާ އަށް އީމާންވާ މީހުންނެވެ. އެހެންކަމުން ޔަމަންގެ ހަނގުރާމައިގައި ވެސް އީރާންގެ ތާއީދާއި މަދަދު ހޫތީންނަށް ލިބެ އެވެ.

ޔަމަންގެ ރައީސް އަބްދު ރައްބޫ މަންސޫރުގެ ވެރިކަމާ ދެކޮޅަށް ހޫތީން ތެދުވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ހަނގުރާމަ ފުޅާ ކުރަމުން ގޮސް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެރިރަށް ސަންއާ ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އެ ކާމިޔާބީ ހޯދުނީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ސިފައިންގެ ފަރާތުން ހޫތީންގެ ހަމަލާތަކަށް މާ ބޮޑު ދެކޮޅު ހެދުންތަކެއް ކުރިމަތި ނުވުމުންނެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިންތަކެއް ހަތިޔާރާ އެކު.

ހަނގުރާމައިގައި ހޫތީން ކުރިއަރަމުން ގޮސް ޔަމަންގެ ރިއާސީ ގަނޑުވަރު ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. ގާނޫނު ހަދާ މަޖިލިސް އުވާލައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ރައީސް އަބްދު ރައްބޫ މަންސޫރު ގޭގައި ހިސޯރު ކުރި އެވެ. ނަމަވެސް ރައީސް އަބްދު ރައްބޫ އަށް ވަފާތެރި ސިފައިންގެ އެހީގައި ފިއްލަވައިގެން އަދަން އަށް ވަޑައިގެން އެ ރަށުގައި ވެރިކަން ހިންގަވަން ފެއްޓެވި އެވެ.

ސަންއާ އަށް ހޫތީ އަތް ގަދަކުރުމާ އެކު، އަރަބި އަދި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތައް އެ ގައުމުތަކުން ބަންދުކޮށް ޑިޕްލޮމޭޓުން ވެސް ބޭލުމުން ސަންއާ އާއި ބައިނަލްއަގުވާމީ ދުނިޔެއާ ދެމެދު ގުޅުން ކެނޑިގެން ދިޔަ އެވެ. ވަގުތުގެ ނާޖާއިޒު ފައިދާ ނަގައި، އީރާނުން ވައިގެ މަގުން ސަންއާ އަށް އެހީގެ ތަކެތި ފޯރުވަން ފެށި އެވެ.

އޭގެ ތެރޭގައި ހޫތީންނަށް ބޭނުންވާ ތެޔޮ ހިމެނެ އެވެ. އަދި ވަކިން ޚާއްސަކޮށް ހޫތީންގެ ބާރުގެ ދަށުގައި އޮތް ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އިންޖީނުގެތައް ހަދައިދީ އީރާންގެ ނުފޫޒު ފުޅާކުރި އެވެ. އީރާނުން ބުނަމުން އައީ ޔަމަންގެ އާންމު ރައްޔިތުން ގެނައި އިންގިލާބަށް އެހީތެރިވެދެނީ ކަމަށެވެ.

ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހޫތީންގެ ބަޔަކު ހަތިޔާރާ އެކު ސަންއާގައި. ރޮއިޓާސް

މި ހަނގުރާމައިގައި ހޫތީންގެ މައިގަނޑު ޝިއާރަކީ؛ "ﷲ އަކްބަރު، އެމެރިކާ އަށް ހުރީ މަރު، އިސްރާއީލަށް ހުރީ މަރު، ޔަހޫދީންނަށް ލައުނަތް ހުރި، އިސްލާމް ދީނަށް ނަސްރު ދެއްވާށި،" މިއެވެ.

ހޫތީންގެ މައިގަނޑު އަމާޒަކީ ޔަމަންގައި ޚިލާފަތެއްގެ ގޮތުގައި އެމީހުންގެ އަމިއްލަ ވެރިކަމެއް ގާއިމު ކުރުމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި، ކީރިތި ރަސޫލާގެ ކާފަ ދެދަރިކަލުން ކަމަށްވާ ހަސަންގެފާނާއި ހުސައިންގެފާނުގެ އާއިލާ އިން އުފެދުނު ހާޝިމީ ދަރިފަސްކޮޅުން މިހާރު ދުނިޔޭގައި ތިބި ހަމައެކަނި ބަޔަކީ ހޫތީންނެވެ. އަދި އެމީހުންނަކީ ޝީއީންގެ ޒައިދީ މަޒްހަބުން އުފެދުނު މަމާލީކުންގެ ދަރިފަސްކޮޅެއް ކަމަށް ދެކޭތީ، ހޫތީންނަކީ ޚިލާފަތަށް އައުލާކަން ބޮޑު ބައެއް ކަމުގައި ދެކެ އެވެ.