ހޫތީންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިން އާ ހަމަލާތަކެއް

ޔަމަންގެ ހުޅަނގަށް އަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާގެ ސިފައިން އާ ހަމަލާތަކެއް ދޭން ފަށައިފި އެވެ.


މިފަހަރުގެ ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ސައޫދީ އަރަބިއްޔާ އާއި ޔަމަން ގުޅޭ ސަރަހައްދީ ރޮނގާ ކައިރީގައި ގާއިމުވެ ތިބި ހޫތީ ހަނގުރާމަވެރިންނަށެވެ. މި ހަމަލާތަކުގައި ސައޫދީއާ ގުޅިފައިވާ އަރަބި ގައުމުތަކުގެ ސިފައިން ވެސް ބައިވެރިވެ އެވެ.

ސައޫދީން ބުނާ ގޮތުގައި މި ހަމަލާތަކުގެ ބޭނުމަކީ ސަރަހައްދީ ރޮނގު ހުރަސްކޮށް ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ އެތެރެ އަށް ދޭ ހަމަލާތައް ހުއްޓުމަކަށް ގެނައުމެވެ. ސައޫދީއާ ގުޅިފައިވާ އަރަބި ލަޝްކަރުގެ ސިފައިން މިހާރު ވަނީ ޔަމަނާއި ސައޫދީ ގުޅޭ އިމާ ގާތުގައި ޗެކް ޕޯސްޓްތަކެއް ހަދައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ބަލައި ފާސް ކުރަން ފަށައިފަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި، ގުޅިފައިވާ ލަޝްކަރުގެ ސިފައިން ވަނީ ހޫތީ ހަނގުރާމަވެރިން ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފަ އެވެ. އޭގެ ތެރޭގައި ހޫތީންނާ ގުޅިފައިވާ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. އަނެއްކޮޅުން ޔަމަން ސަރުކާރުން ބުނާ ގޮތުގައި ވެއަތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި ހިނގި ހަނގުރާމައިގެ ތެރޭގައި ހޫތީ ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންގެ ތެރެއިން 55 މީހުން ވަނީ މަރުވެފަ އެވެ. ސަރުކާރު ސިފައިންގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒު ކޮށްފައިވަނީ ބާބުލް މުންދަބް ކަނޑުއޮޅިއާ ގާތުގައިވާ ދުބާބް އަވަށަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިން އެ ސަރަހައްދުން ފައްސާލުމަށެވެ. ބާބުލް މުންދަބް އަކީ އިންޑިއާ ކަނޑާއި ރަތް ކަނޑު ގުޅުވައިދޭ މައި ދޮރޯއްޓެވެ. ޔަމަން ސަރުކާރުން ބުނާ ގޮތުގައި ބާބުލް މުންދަބް ކަނޑުއޮޅިއާ ކައިރީ ސަރަހައްދުތަކުގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮތުމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާ ފޯރާނެ ކަމެކެވެ. ޔަމަން ސަރުކާރުގެ ސިފައިން ފަށާފައިވާ މި ހަމަލާތަކަށް ވައިގެ މަގުން މަދަދު ފޯރުކޮށްދެމުން ދަނީ އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުންނެވެ.