ނިއުކްލިއާ މުއާހަދާއާ މެދު އަލުން މަޝްވަރާ ކުރުމެއް ނެތް

އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތައް ހިމެނޭ ގޮތުން، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެކުލަވާލާފައިވާ އެއްބަސްވުމާ މެދު އަލުން މަޝްވަރާ ކުރުމަކީ މާނައެއް ނެތް ކަމެއް ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


ރޫހާނީ އިއްޔެ ވިދާޅުވީ ރައީސް އޮބާމާގެ ޒައާމަތުގައި އެހެން ގައުމުތައް ވެސް ހިމެނޭ ގޮތުން އީރާނާއި އެމެރިކާ އިން ސޮއިކޮށްފައިވާ އެއްބަސްވުން، ޓްރަމްޕް ވެރިކަމާ ހަވާލުވުމަށް ފަހު އެމެރިކާ އަށް އެކަނި އުވައި ނުލެވޭނެ ކަމަށެވެ.

އެމެރިކާގެ ރިއާސީ އިންތިހާބުގެ ކެމްޕާންގެ ތެރޭގައި ޓްރަމްޕު ވިދާޅުވެފައިވަނީ، ޖުލައި 2015 ގައި ސޮއިކޮށްފައިވާ އެ އެއްބަސްވުމަކީ އެމެރިކާ އިން މިހާތަނަށް ގައުމަކާ އެކު ސޮއިކުރި އެންމެ ވިޔާނުދާ އެއްބަސްވުން ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ބާތިލު ކުރައްވަން ނުވަތަ އެއަށް ވުރެ ރަނގަޅު އެއްބަސްވުމެއް އަލުން އެކުލަވައިލަންވަން ގަސްދު ކުރައްވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމުގެ އެއްބަސްވުމުގައި އީރާންގެ އިތުރުން ސޮއިކޮށްފައިވަނީ އެމެރިކާ، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިނގިރޭސި ވިލާތް އަދި ރޫސީ ވިލާތާއި ޗައިނާ އެވެ. މި އެއްބަސްވުމުގައި އީރާނުން ސޮއިކުރީ، އީރާންގެ ނިއުކްލިއާ މަޝްރޫއުން އެޓޮމިކް ހަތިޔާރު އުފައްދަފާނެ ކަމުގެ ބިރު ހީވުމުން، ހުޅަނގުގެ ގައުމުތަކުން އީރާނަށް ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުންނެވެ. އެ މަޝްރޫއު ހުއްޓައިލުމުގެ ބަދަލެއްގެ ގޮތުން، އީރާނާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ފިޔަވަޅުތައް ވަނީ ޖެނުއަރީ 2016 ގައި އުވާލައިފަ އެވެ.

"ނިއުކްލިއާ މުއާހަދާއާ މެދު އެމެރިކާގެ އިންތިހާބީ ރައީސް ހިތްހަމައެއް ނުޖެހޭ. އެއީ އެމެރިކާ އިން ހެދި އެންމެ ގޯސް މުއާހަދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި. އެކަމަކު ވެސް ވެރިކަމާ ހަވާލުވުމަށް ފަހު ވެސް މި ކަމުގައި އޭނާ އަށް ކުރެއްވޭނެ މާ ބޮޑު ކަމެއް އޮތް ކަމަކަށް ނުދެކެން،" އީރާންގެ ރައީސް ރޫހާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުއާހަދާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ތާއީދު ވެސް ލިބިފައިވާ ރަނގަޅު މުއާހަދާއެއް ކަމަށެވެ. އަދި އެ މުއާހަދާ އިން ފައިދާ ކުރާނީ އީރާނަށް އެކަނި ނޫން ކަމަށާއި އެއީ އެމެރިކާ އަށް ވެސް މަންފ ކުރަނިވި މުއާހަދާއެއް ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ތައްޔާރީތައް ވަމުންދާ އިރު، ވިލާތުގެ ގައުމުތަކުން ވެސް ބުނަމުން ދަނީ އީރާންގެ ނިއުކްލިއާ މުއާހަދާ އަލުން މުރާޖައާ ނުކުރެވޭނެ ކަމަށެވެ.

ބްރަސެލްސްގައި ހުންނަ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ހެލްގާ ޝްމިޑް ވިދާޅުވީ ޑޮނަލްޑް ޓްރަމްޕުގެ ޚާރިޖީ ސިޔާސަތާ ބެހޭ ޓީމަށް، އީރާންގެ ނިއުކްލިއާ މުއާހަދާ ރަނގަޅަށް ދޭހަނުވަނީ ކަމަށާއި އެއީ އަލުން މުރާޖައާ ކުރެވޭނެ މުއާހަދާއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ އެއް ގައުމަށް ވުރެ ގިނަ ގައުމު ބައިވެރިވާ މުއާހަދާއެއް ކަމަށާއި، އެންމެ ގައުމަކުން ބޭނުންވެގެން އެ މުއާހަދާ އަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި އެ މުއާހަދާ ދެމެހެއްޓުމާ ބެހޭ ގޮތުން، ޓްރަމްޕުގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރުންނާ އެކު ވިލާތުގެ އިއްތިހާދުން ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ހެލްގާ ވިދާޅުވި އެވެ.

ވިލާތުގެ އިއްތިހާދުގެ އިތުރުން، އެ މުއާހަދާ އަށް ރޫސީ ވިލާތާއި ޗައިނާ އިން ވެސް ތާއީދު ކުރެ އެވެ. ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ކެނޑިފައި އޮންނަތާ އެތައް އަހަރެއް ފަހުން، އެ މުއާހަދާގެ ސަބަބުން އީރާންގެ ބާޒާރު މުޅި ދުނިޔެ އަށް މިހާރު ހުޅުވިފައިވުމުން ވިލާތުގެ ގައުމުތަކާއި ޗައިނާ އާއި ރަޝިޔާ ވެސް އެ މުއާހަދާ ދަމަހައްޓަން ބޭނުންވެ އެވެ.