ފިޔާތޮށި ހެދުމުގައި ޓްރަމްޕާ ދެކޮޅަށް އަންހެނުން މުޒާހަރާކުރަނީ

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންތާ އެއް ދުވަސް ފަހުން އޭނާއާ ދެކޮޅަށް އެމެރިކާގައި އަންހެނުން އިސްވެ ފެށި މުޒާހަރާތައް ވަރުގަދަވެ އެމެރިކާގެ މަގުތަކަށް ބާރު ބޮޑުވެއްޖެ އެވެ.


ފިޔާތޮަށި ކުލައިގެ ހެދުމުގައި އެތައް ލައްކަ އަންހެނުންނެއް މަގުތަކަށް ނިކުމެ ޓްރަމްޕާ ދެކޮޅަށް އަޑު އުފުލަމުން ދާއިރު އެހެން ބައެއް ގައުމުތަކުގައި ވެސް ދަނީ މި މުޒާހަރާއާ ބައިވެރިވުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމި މި މުޒާހަރާ އަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

"އަންހެނުންގެ ހިނގާލުން" ސިޑްނީ އާއި ލަންޑަނާއި ޓޯކްޔޯ ފަދަ ބޮޑެތި ސިޓީތަކުގައި ވެސް ކުރިއަށް އެބަދެ އެވެ. އެކަމަކު އެންމެ ގިނަ ބަޔަކު މުޒާހަރާ އަށް ނިކުމެފައި ވަނީ ނިއު ޔޯކްގަ އެވެ.

އަންހެނުންނާއި މެކްސިކޯ މީހުންނާއި މުސްލިމުންނަށް ކުޑައިމީސްކޮށް ޓްރަމްޕް ވާހަކަ ދެއްކެވުމަކީ މުޒާހަރާގައި ބައިވެރިވެ ގިނަ މީހުންގެ ކަންބޮޑުވުމެވެ. އެމެރިކާ ނޫން ގައުމުތަކުގައި މުޒާހަރާކުރާ ގިނަ ބަޔަކު ފާހަގަކުރަނީ ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުޚާތަބުކުރެއްވި އިރު "އެމެރިކާ ފުރަތަމަ" ސިޔާސަތު ހުރިހާ ކަމެއްގައި ވެސް ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އެވެ. މިކަމާ ދެކޮޅު ހަދާ މީހުން ބުނަނީ މިއީ އެހެން ގައުމުތަކުގެ މީހުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާނެ ސިޔާސަތަކަށް ވާނެ ކަމަށެވެ.

ހުކުރު ދުވަހު ޓްރަމްޕާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ވެހިކަލްތަކުގައި ހުޅުޖަހައި އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅާފައިވެ އެވެ. މުޒާހަރާ ކޮންޓްރޯލްކުރުމަށް ސްޓަން ގްރެނޭޑް ވެސް ބޭނުންކުރި އެވެ. މި މުޒާހަރާކުރި މީހުން އެކަން ހުއްޓާލުމަށް ފަހު އެ މީހުންގެ ބައިވެރިންނަށް އަންގާފައި ވަނީ އަންހެނުންގެ މުޒާހަރާ ނިމުމުން އަލުން މަަގުތަކަށް ނިކުމެ މުޒާހަރާ ފެށުމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕޭނާ އެކު އެމެރިކާ ވަނީ ވަރަށް ބޮޑަށް ބައިބައި ވެފަ އެވެ. ޑިމޮކްރަޓިކް ޕާޓީން ޓްރަމްޕާ ދެކޮޅަށް ނެރުނު ކެންޑިޑޭޓް ކަމަށްވާ ހިލަރީ ކްލިންޓަނަށް އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތުން ވެފައި ވަނީ ގިނަ މީހުންނަށް ގަބޫލު ނުކުރެވުނު ކަމަކަށެވެ. އެމެރިކާގެ އަންހެން ފުރަތަމަ ރައީސަކަށް ހިލަރީ ވެ ވަޑައިގަންނަވާނެ ކަމަށް އުންމީދުކޮށްގެން ތިބި މީހުންނަށް މާޔޫސްކަން ލިބިފައި ވާއިރު ޕޮޕިއުލާ ވޯޓުގައި ހިލަރީ އުޅުއްވަނީ ވަރަށް ކުރީގަ އެވެ. ނަމަވެސް ޓްރަމްޕަށް ކާމިޔާބުވެ ވަޑައިގެންފައި ވަނީ އިލެކްޓޮރަލް ވޯޓުން ކުރި ލިބިވަޑައިގެންފައި ވާތީ އެވެ.