އީރާނާ ކުރިމަތިލާނެ ގޮތަކާ ގުޅޭ ގޮތުން ޓްރަމްޕާއި ނަތަންޔާހޫ މަޝްވަރާކުރަނީ

ތެލް އަވީވް (ޖެނުއަރީ 22) - އީރާނުގެ ފަރާތުން ކުރިމަތިވެދާނެ ބިރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


ފޭސްބުކުގައި ނަތަންޔާހޫ ޕޯސްޓް ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އިޒްރޭލުގެ ހަލާކަށް ގޮވާލާފައިވާ އީރާނުގެ ނުރައްކަލާ ގުޅޭ ގޮތުން ޓްރަމްޕާ އެކު ވާހަކަ ދެއްކުމަށް އޭނާ ޕްލޭން ކުރައްވާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ހުކުރު ދުވަހު ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ އީރާނާއި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ އެއްބަސްވުމަށް އީރާނުން ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މި މަހު 16 ވަނަ ދުވަހު ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަކީ މިހާތަނަށް ގާއިމްކުރި އެންމެ ކަމުނުދާ އެއްބަސްވުން ކަމަށެވެ. އީރާނާ އެކު އެއްބަސްވުން ގާއިމްކޮށްފައި ވަނީ އެމެރިކާ، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުންނެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޝަރުތުކޮށް އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.

ޑިސެމްބަރު މަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލެވިދާނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށާއި އެ ކަންތައްތަކާ ގުޅޭ ގޮތުން ޓްރަމްޕާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ނިއުކްލިއާ އެއްބަސްވުމަކީ ދެ ގައުމެއްގެ މެދުގައި ގާއިމްކޮށްފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ އެއްބަސްވުމަކަށް ވާއިރު ޓްރަމްޕަށް އެ އެއްބަސްވުން އުވާ ނުލެއްވޭނެ ކަމަށެވެ.

އިޒްރޭލުގެ ރައީސް ރެއުވެން ރިލްވިން ވަނީ ޓްރަމްޕް އިޒްރޭލަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.