މޮރިޝަސްގެ ވެރިކަން ބޮޑު ވަޒީރުގެ ދަރިފުޅަށް ހަވާލު ކުރަނީ

ޕޯޓް ލުއިސް (ޖެނުއަރީ 22) - މޮރިޝަސްގައި ޒަމާންތަކެއް ވަންދެން ބޮޑު ވަޒީރުކަން ކުރެއްވި އަނެރޫދު ޖަގުނައުތުގެ ވެރިކަން އޭނާގެ ދަރިފުޅު ޕްރަވިންދަށް ހަވާލު ކުރަން ނިންމަވައިފި އެވެ.


މޮރިޝަސްގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ޖަގުނައުތު ފުރަތަމަ ވަޑައިގެންނެވީ 1982 ވަނަ އަހަރު އެވެ. އޭގެ ފަހުން 1995 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު 2000- 2003 އަށް ވެސް ބޮޑު ވަޒީރުކަން ކުރެއްވި އެވެ. ދެހާސް ތިނަކުން 2012 އަށް މޮރިޝަސްގެ ރައީސްކަން ކުރެއްވުމަށް ފަހު 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޖަގްނައުތުގެ ޕާޓީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން އަނެއްކާ ވެސް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އެވެ. މިހާރު ފުރުއްވަމުން އެ ގެންދަވަނީ ހަ ވަނަ ދައުރެވެ.

އުމުރުފުޅުން 86 އަހަރުގެ ޖަގްނައުތު ޓީވީ މެދުވެރި ކުރައްވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަނީ ޒުވާން ހިންގުންތެރި ލީޑަރަކަށް ގައުމު ހަވާލު ކުރަން ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވާ ޖަގްނައުތުގެ ދަރިފުޅަކީ މޮރިޝަސްގެ މިހާރުގެ ފިނޭންސް މިނިސްޓަރެވެ.

ބޮޑު ވަޒީރުގެ މި ނިންމެވުމަށް އިދިކޮޅު ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. ނަމަވެސް އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނެތެވެ. ކުރީގެ ބޮޑު ވަޒީރު ނަވިން ރަމްގޫލަމް ވިދާޅުވެފައި ވަނީ ނަގްނައުތުގެ އާއިލާ އިން ދަނީ މޮރިޝަސް އަކީ "އެއްވެސް ތާކުންތާކު ނުޖެހޭ ދައުލަތަކަށް" ބަދަލު ކުރަމުން ކަމަށެވެ.

ޖަގްނައުތުގެ ބަޔާނުގައި ވިދާޅުވީ އޭނާ ވެރިކަން ހަވާލު ކުރަނީ "ވެސްޓްމިންސްޓާ" ސްޓައިލަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ އިންތިޚާބެއް ބޭއްވުމަކާ ނުލައި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަން ޑޭވިޑް ކެމަރަން އަށް ފަހު ތެރޭސާ މޭ އަށް ހަވާލުކުރި ގޮތަށެވެ.