ހުޅަނގު އައްސޭރީގައި އިތުރު 2،500 ގެ އިޒްރޭލުން އަޅަނީ

ތެލް އަވީވް (ޖެނުއަރީ 25) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 2،500 ގެ އަޅަން ހަމަޖެހިފައިވާކަން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރައްވައިފި އެވެ.


މިއީ އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން، ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް އިޒްރޭލުން އިއުލާން ކުރި ދެ ވަނަ މަޝްރޫއު އެވެ. މީގެ ކުރިން ވަނީ އިރުމަތީ ގުދުސްގައި 566 ގެ އެޅުމަށް އިޒްރޭލުން ހުއްދަ ދީފަ އެވެ. އަދި އިރުމަތީ ގުދުސް އިތުރު 11،000 ގެ އަޅަން ނިންމާފައިވާ ކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ފަލަސްތީނުން ބުނެފައި ވަނީ އިޒްރޭލުން ކުރަން އުޅޭ ކަންތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވިދާޅުވީ ދެ ސްޓޭޓް ގާއިމްކޮށް ސުލްހަ ހޯދުމަށް ވުރެ ބޮޑަށް ބިން ވަގަށް ނަގަން ބޭނުންވާކަން އިޒްރޭލުން އަނެއްކާވެސް ސާބިތު ކޮށްދީފި ކަމަށެވެ.

ހުޅަނގު އައްސޭރީގައި ގެ އެޅުމަށް އިޒްރޭލުން ހިންގާ މަޝްރޫއު އދ. އިން ވަނީ ކުށްވެރި ކޮށްފަ އެވެ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާން ސްޓެފަން ޑުޖަރިކް ވިދާޅުވީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ހޯދަން ބޭނުންވާ ސުލްހަ އަށް ހުރަސް އަޅާ ކޮންމެ ކަމަކާ މެދު ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އިރުމަތީ ގުދުސްގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫއު އަށް ހުއްދަ ދިނުން އިޒްރޭލުން މަޑު ޖައްސާލާފައި ވަނީ ސަލާމަތީ މަޖިލީހުން ޑިސެމްބަރު މަހު ފާސްކުރި ގަރާރާ ގުޅިގެންނެވެ. އެމެރިކާ އިން ވީޓޯ ނުކުރުމާ އެކު ފާސްކުރި ގަރާރުގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ. މި ގަރާރާ ގުޅިގެން އިޒްރޭލުން ވަނީ ގެދޮރު އެޅުމުގެ މަޝްރޫއު އަށް ހުއްދަ ދިނުން، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން، ފަސްކޮށްފަ އެވެ. އިޒްރޭލް ސަފީރުގެ މަގާމަށް ޓްރަމްޕް ވަނީ ޔަހޫދީ އާބާދީތައް ހެދުމަށް ތާއީދު ކުރައްވާ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އަދި ނަތަންޔާހޫ އަންނަ މަހު އެމެރިކާ އަށް ވަޑައިގަތުމަށް ޓްރަމްޕް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ. އަދި އިތުރު 200،000 މީހުން ވަނީ އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވައިފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅެނީ ފަލަސްތީނުގެ 2.9 މިލިއަން މީހުންނެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް އދ. އިން ނިންމާފައިވެ އެވެ.