ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި ބޯޓެއް މެލޭޝިއާ ކައިރިން ގެެއްލިއްޖެ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 29) - ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ކަނޑު ބޯޓެއް މެލޭޝިއާ ކައިރިން ގެއްލިފައިވާ ކަމަށް މެރިޓައިމް އޮފިޝަލުން ބުނެފި އެވެ.


ބޯޓުގައި ތިބި 31 މީހުންގެ ތެރޭން 28 މީހުންނަކީ ޗައިނާގެ ޓޫރިސްޓުންނެވެ. އަނެއް ތިން މީހުންނަކީ ބޯޓުގެ ފަޅުވެރިންނެވެ.

ބޯޓާ ގުޅުން ކެނޑިފައި ވަނީ އިރުމަތީ ސްޓޭޓުގެ ސަބާ އިން އިއްޔެ ހެނދުނު ފުރި ފަހުންނެވެ. ކަޓަމަރާން ބޯޓުގެ މިސްރާބު ހުރީ ޓޫރިސްޓް ސިޓީއެއް ކަމަށްވާ ޕަލައު މެންގަލުމް އަށެވެ. މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީން ބުނީ ބޯޓު ހާލުގައި ޖެހުނު ކަމުގެ ކޯލެއް ލިބިފައިވާ ކަމަށާއި އޭގެ ފަހުން ބޯޓާ ގުޅުން ކެނޑުނު ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ހޯދުމުގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެޖެންސީން ބުނެފައިވެ އެވެ. ބޯޓު ހޯދުމަށް ދަނީ 400 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލަމުންނެވެ. ބޯޓު ދަތުރުކުރި ސަރަހައްދަށް އަހަރުގެ މި ދުވަސްވަރު ތޫފާންތައް ކުރިމަތިވުމަކީ އާއްމު ކަމެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ކޮޓާ ކިނަބަލޫގައި ހުންނަ ކޮންސިއުލޭޓުން ވަނީ ޓޫރިސްޓުން ހޯދުމުގައި ވީއެންމެ ރަނގަޅަކަށް މަސައްކަތް ކޮށްދިނުމަށް މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައި ކަމަށެވެ.