ފެތުނު ބޯޓުން 25 މީހުން ސަލާމަތްކޮށްފި

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - ޗައިނާގެ ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރަނިކޮށް ކަނޑުގަދަވެ މެލޭޝިއާގެ އިރުމަތީގެ ހިސާބަކަށް ފެތުނު ބޯޓުން 25 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޝާހިދާން ކާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަ މީހަކު އަދިވެސް ނުފެންނަ ކަމަށެވެ.

ކަޓަމަރާން ފެތިފައި ވަނީ ޗައިނީޒް އާ އަހަރުގެ ޗުއްޓީގެ ފުރަތަމަ ދުވަހު އެވެ. ބޯޓު ހޯދުމަށް ވަނީ 400 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.

ފެތުނު ބޯޓުން ސަލާމަތްކުރި މީހުންނަށް ރެސްކިއު އޮފިޝަލުން އެހީތެރިވަނީ. --ފޮޓޯ:އޭއެފްޕީ

"ގެއްލުނު މީހުން ފެންނަންދެން އޮޕަރޭޝަން ކުރިއަށް ގެންދާނެ،" އިރުމަތީގެ ސަބާ ސްޓޭޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދާން ވިދާޅުވި އެވެ.

ޓޫރިސްޓުންގެ ގަބޫލް ޓައުނެއް ކަމަށްވާ ޕުލައު މެންގަލުމް އަށް ދާން ސަބާ ސްޓޭޓުން ކެޓަމަރާން ފުރީ ހޮނިހިރު ދުވަހު ހެނދުނެވެ. ބޯޓުގެ ޚަބަރެއް ނުވާކަން ވެރި ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ ހޮނިހިރު ދުވަހު ގެ ރެ އެވެ.

ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ވަނީ ފަތާފައި ގޮސް އެއްގަމަށް އަރައިފަ އެވެ. ޓޫރިސްޓުންގެ ތެރޭން 18 މީހުން ސަލާމަތްކުރީ މަސްވެރިންނެވެ. އަދި ފަސް ޓޫރިސްޓަކު ވަނީ ޓަގުބޯޓަކަށް ނަގައިފަ އެވެ.

ކެޕްޓަން ބުނީ ބޯޓު އަޑިއަށް ދިޔައީ ބިޔަ ރާޅެއްގައި ޖެހި ބިންދައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.