އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި އީރާނުން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ތެހެރާން (ފެބްރުއަރީ 5) - އީރާނުން ބެލެސްޓިކް މިސައިލެއް ޓެސްޓް ކުރުމާ ގުޅިގެން އެމެރިކާ އިން އިންޒާރުދީ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނިކޮށް އީރާނުން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް އިއްޔެ ބާއްވައިފި އެވެ.


އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ އަސްކަރީ ތަމްރީނުތަކުގެ ބޭނުމަކީ ވައިޓްހައުސް އިން ދޭ އިންޒާރުތަކަށް ފުރިހަމަ އަށް ތައްޔާރުވުން ކަމަށެވެ.

"ރެއާއި ދުވާލު މިދަނީ އީރާނުގެ ސަލާމަތަށް މަސައްކަތް ކުރަމުން. އަދާވާތްތެރިންގެ ފަރާތުން ކިތަންމެ ކުޑަ ނަމަވެސް ނުރައްކަލެއް ކުރިމަތި ވެއްޖެ ނަމަ އަޅުގަނޑުމެންގެ މިސައިލްތައް އެ މީހުންގެ ބޯތަކަށް އަމާޒުވާނެ،" ރިވޮލިއުޝަނަރީ ގާޑުގެ އެއޮރޯސްޕޭސް ޔުނިޓުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އާމިރު އަލީ ހަޖިޒާދާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އީރާނުން މެދު ރާސްތާ ބެލެސްޓިކް މިސައިލެއް ޓެސްޓް ކުރުމާ ގުޅިގެން އެމެރިކާ އިން ވަނީ އީރާނުގެ ވަކި ފަރުދުންނާއި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ވައިޓްހައުސް އިން ބުނެފައި ވަނީ އީރާނުން މިސައިލް ޓެސްޓް ކުރުމަކީ ސަލާމަތީ މަޖިލީހުގެ ގަރާރާ ޚިލާފު ކަމެއް ކަމަށެވެ. ރައްދުގައި އީރާނުން ބުނެފައި ވަނީ މިސައިލް ޓެސްޓް ކުރުމަކީ 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅިތާ މާގިނައިރެއް ނުވަނީސް ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެފައި ވަނީ ދައުލަތުން އެންމެ ބޮޑަށް ޓެރަރިޒަމަށް ވާގިވެރިވާ ގައުމަކީ އީރާން ކަމަށެވެ.