އިނގިރޭސި ރާނީގެ ސޯޝަލް މީޑިއާ ބަލަހައްޓައިދޭނެ މީހަކު ހޯދަނީ

ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި ރާނީ އެލިޒަބަތުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގައިދޭނެ މީހަކު ހޯދަން ބަކިންހަމް ޕެލަސް އިން އިއުލާންކޮށްފި އެވެ.


މި މަގާމަށް ހޮވޭ މީހަކަށް އަހަރަކު 30،000 ޕައުންޑުގެ މުސާރައެއް ދޭނެ ކަމަށް ރާނީގެ ރަސްމީ ވެބްސައިޓުގައި ޖަހާފައިވާ އިޝްތިހާރެއްގައިވެ އެވެ. ފުލްޓައިމްކޮށް މަސައްކަތް ކުރަން ޖެހޭ ޑިޖިޓަލް ކޮމިއުނިކޭޝަން އޮފިސަރުގެ މަސައްކަތްތަކުގެ ތެރޭގައި ރާނީގެ މަސައްކަތްތަކާއި ޝާހީ އާއިލާގެ ރޯލު ދުނިޔެ އަށް ހާމަކޮށް ދިނުން ހިމެނެ އެވެ. އޭގެ ތެރޭގައި ރާނީގެ ފޭސްބުކާއި ޔޫޓިއުބް އަދި ޓްވިޓާ މެދުވެރިކޮށް ޝާހީ ހަފުލާތަކާއި ރަސްމީ ޒިޔާރަތްތައް ޑޮކިއުމެންޓް ކުރުން ހިމެނެ އެވެ. ރާނީގެ ޓްވިޓާ ވެސް 2.77 މިލިއަން މީހުން ފޮލޯ ކުރެ އެވެ.

ރާނީގެ ސޯޝަލް މީޑިއާ އަޕްޑޭޓް ކުރަން ހޮވޭ މީހަކީ ޔުނިވާސިޓީ ތައުލީމް ހާސިލްކޮށްފައިވާ އަދި ވެބްސައިޓްތައް މެނޭޖްކުރުމުގެ ގާބިލްކަން ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ހުނަރު ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާނީ މިދިޔަ ޖޫން މަހު ވަނީ 90 ވަނަ އުފަން ދުވަހު އަމިއްލަ އަށް މެސެޖެއް ލިޔުއްވާ ޓްވީޓް ކުރައްވައިފަ އެވެ. އެ މެސެޖުގައި އެކަމަނާ ވަނީ އުފަން ދުވަހު ލިބުނު ހުރިހާ މެސެޖަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.