ކިމް ޖޮން-އުންގެ ބޭބެގެ ހަށިގަނޑު ނޯތު ކޮރެއާއާ ހަވާލުކުރަން މެލޭޝިއާ އިން ދެކޮޅެއް ނޫން

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 16) - ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ވިހަ ދީގެން މަރާލި ކަމަށް ބެލެވޭ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ ހަށިގަނޑު ނޯތު ކޮރެއާއާ ހަވާލު ކުރަން އުސޫލެއްގެ ގޮތުން ދެކޮޅު ނޫން ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.


ކިމް ޖޮން- ނަމްގެ ހަށިގަނޑު އޮތް ހޮސްޕިޓަލަށް ނޯތު ކޮރެއާ އެމްބަސީގެ އޮފިޝަލުން އިއްޔެ ޒިޔާރަތްކޮށް ހަށިގަނޑު ހަވާލު ކުރަން އެދިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސެލަންގޯ ފުލުހުންގެ ވެރިޔާ އަބްދުލް ސަމާހު މާތު ވިދާޅުވީ ނޯތު ކޮރެއާ އިން ރަސްމީކޮށް އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށާއި ލިބިއްޖެ ނަމަ އެ ގޮތަށް އަމަލު ކުރަން ދެކޮޅު ނުހަދާނެ ކަމަށެވެ.

އޭނާގެ ޕޯސްޓް-މޯޓަމް މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ސަމާހު ވިދާޅުވީ ނަތީޖާ އާއްމު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން މިހާރު ވަނީ ދެ ވަނަ އަންހެނަކު ހައްޔަރުކޮށްފަ އެވެ. ރޯޔަލް މެލޭޝިއަން ޕޮލިހުގެ އިންސްޕެކްޓާ ޖެނެރަލް ސްރީ ޚާލިދު ބިން އަބޫ ބަކަރު ވިދާޅުވީ މިއަދު ހައްޔަރު ކުރި ދެ ވަނަ މީހާ އަކީ އިންޑޮނީޝިއާ މީހެއް ކަމަށެވެ. ފުރަތަމަ ހައްޔަރު ކުރީ ވިއެޓްނާމް އަންހެނެކެވެ. ދެ މީހުން ވެސް ހައްޔަރު ކުރީ އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖް ބަލައިގެންނެވެ.

ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ.

މަރާލާފައި ވަނީ ކިމް ޖޮން- އުންގެ ބޭބެކަން މެލޭޝިއާ އިން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ސަބަބަކީ އޭނާ ދަތުރު ކުރަނީ ކިމް ޗޮލްގެ ނަމުގައި ކަމަށްވާތީ އެވެ. އެކަމަކު ސައުތު ކޮރެއާ އިން ބުނެފައި ވަނީ މަރާލާފައި ވަނީ ކިމް ޖޮން-އުންގެ ބޭބެކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ކިމް ޖޮން-ނަމް މަރާލާފައި ވަނީ ވިހަ ދީގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނާ މަރާލާފައި ވަނީ ކުއާލަ ލަމްޕޫރުން މަކާއޫ އަށް ފުރަން ބޯޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް ފަހަތުން މީހަކު އައިސް މޫނުގައި ފޮތިގަނޑެއް އަޅައިގެންނެނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ކެމިކަލް އިން ތެތްކޮށްފައިވާ ފޮތިގަނޑެކެވެ.

ކިމް ޖޮން-ނަމް ވަނީ ނޯތު ކޮރެއާގެ ލީޑަރާ ދެކޮޅަށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. ނަމަވެސް ވެރިމަމަށް ޝައުގުވެރި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ނޯތު ކޮރެއާ އިން ބޭރުގަ އެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމްގެ ބޮޑު ބޭބެ ޗަން ސޮން-ތައެކް ވެސް ވަނީ 2013 ވަނަ އަހަރު މަރާލައިފަ އެވެ.