ކިމްގެ ބޭބެގެ މަރާ ގުޅިގެން ނޯތު ކޮރެއާ މީހަކު ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 18) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް އަށް ވިހައެއް ދީގެން މަރާލި ކަމަށް ބެލެވޭ މައްސަލައިގެ ތުހުމަތުގައި ނޯތު ކޮރެއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.


މިއީ ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން ހައްޔަރުކުރި ނޯތު ކޮރެއާގެ ފުރަތަމަ މީހާ އެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ރި ޖޮން ޗޮލް އެވެ. ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި މީގެ ކުރިން ވަނީ އިންޑޮީޝިއާ އަންހެނަކާއި މެލޭޝިއާ ފިރިހެނަކާ އަދި ވިއެޓްނާމް ޕާސްޕޯޓް އޮތް އަންހެނަކު ހައްޔަރުކޮށްފަަ އެވެ.

މެލޭޝިއާ ފުލުހުން ބުނެފައި ވަނީ ކިމް ޖޮން-ނަމް މަރާލާފައި ވަނީ މަކާއޫ އަށް ފުރަން ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓާ އޭނާގެ މޫނަށް ވިހައެއް ސްޕްރޭ ކޮށްގެން ކަމަށެވެ. މަރާލާފައި ވަނީ ކިމް ޖޮން-އުންގެ ބޭބެކަން ޔަގީންކޮށްދޭން މެލޭޝިއާ އިން ކުރިން ދެކޮޅު ހެދި ނަމަވެސް ފަހުން ވަނީ އެއީ ކިމް ޖޮން-ނަމް ކަމަށް ބުނެފަ އެވެ.

ކިމް ޖޮން-ނަމް މަރާލާފައި ވަނީ ކުއާލަ ލަމްޕޫރުން މަކާއޫ އަށް ފުރަން ޑިޕާޗާ ހޯލުގައި ހުއްޓާ ފަހަތުން މީހަކު އައިސް މޫނުގައި ފޮތިގަނޑެއް އަޅައިގެންނެނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ކެމިކަލް އިން ތެތްކޮށްފައިވާ ފޮތިގަނޑެކެވެ. ކިމް ޖޮން-ނަމް ވަނީ ނޯތު ކޮރެއާގެ ލީޑަރާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ނަމަވެސް ވެރިކަމަށް ޝައުގުވެރި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ނޯތު ކޮރެއާ އިން ބޭރުގަ އެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމްގެ ބޮޑު ބޭބެ ޗަން ސޮން-ތައެކް ވެސް ވަނީ 2013 ވަނަ އަހަރު މަރާލައިފަ އެވެ.