ކިމްގެ މަރާ ގުޅިގެން ނޯތު ކޮރެއާ ސަފީރު ހާޒިރުކޮށްފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 20) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާ އެއާޕޯޓުގައި މަރާލި މައްސަލައިގެ ތަހުގީގާ ގުޅިގެން ޕިއޮންޔަން އިން ފާޑުކިޔާތީ ނޯތު ކޮރެއާގެ ސަފީރު މެލޭޝިޔާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.


ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ނޯތު ކޮރެއާގެ އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ގައުމުގެ އިތުރު ހަތަރު މީހަކު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާ އިން ވަނީ ނޯތު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަނބުރާ ގެނެސްފަ އެވެ. އަދި ނޯތު ކޮރެއާ ސަފީރު ހާޒިރު ކުރުމަށް ފަހު މެލޭޝިއާ އިން ވަނީ ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން ޕިއޮންޔަން އިން ދައްކާ ވާހަކައިގައި އެއްވެސް އަސްލެއް ނެތް ކަމަށް އަންގައިފަ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އޭނާގެ ބޭބެ ކިމް ޖޮން-ނަމް. --ފޮޓޯ:އޭއެފްޕީ

"ކިމް ޖޮން-ނަމް މަރާލާފައި ވަނީ މެލޭޝިއާގެ ބިމުގައި އަދި އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭ އިރު އެ މަރުގެ ހަގީގަތް ހޯދަން ތަހުގީގު ކުރުމަކީ މެލޭޝިއާ ސަރުކާރުން ކުރަން ޖެހޭ ކަމެއް،" މެލޭޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައި މިވަނީ ކިމްގެ ހަށިގަނޑު ހަވާލު ކުރުމަށް ނޯތު ކޮރެއާގެ ޑިޕްލޮމެޓުން އެދުމުން މެލޭޝިއާ ސަރުކާރުން އެކަމަށް ދެކޮޅު ހެދުމުންނެވެ.

ކިމްގެ ހަށިގަނޑު އޮތް ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށްޕ ފަހު ނޯތު ކޮރެއާ ސަފީރު ކަން ޗޮލް މިދިޔަ ހަފުތާގައި ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ ނަން ހުތުރު ކުރުމަށް މެލޭޝިއާ އަށް ޕްރެޝަރު ކުރަމުން ދަނީ ސައުތު ކޮރެއާ އިން ކަމަށެވެ. ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު ކަމަށް ސައުތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.

ނޯތު ކޮރެއާގެ ބޭބެ ކިމް ޖޮން-އުންގެ ބޭބެ މަރާ ގުޅޭ ގޮތުން މެލޭޝިއާ ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެނީ. --ފޮޓޯ:އޭއެފްޕީ

އުމުރުން 45 އަހަރުގެ ކިމް ޖޮން-ނަމް މަރާލާފައި ވަނީ މަކާއޫ އަށް ފުރަން ކުއާލަ ލަމްޕޫރު އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ހުއްޓާ ވިހަލާފައިވާ ފޮތިގަނޑެއް މޫނުގައި އަޅައިގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަގު މަތީގައި ވަނީ ފިޓްޖެހި މަރުވެފަ އެވެ. ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން މިހާރު ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ނޯތު ކޮރެއާ މީހަކާއި އިންޑޮނީޝިއާ އަންހެނަކާއި މެލޭޝިއާ ފިރިހެނަކާ އަދި ވިއެޓްނާމުގެ ޕާސްޕޯޓް ގެންގުޅޭ އަންހެނެކެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އަށެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.