ސަލާމަތީ ސަބަބުތަކަށްޓަކައި ތެހެރާން މަތީގައި ޑްރޯން ދުއްވުން މަނާކޮށްފި

ތެހެރާން (ފެބްރުއަރީ 21) - ވެރި ރަށް ތެހްރާން މަތީގައި އަމިއްލަ ފަރާތްތަކުން ޑްރޯން ދުއްވުން، ސަލާމަތީ ސަބަބުތަކަށްޓައި، އީރާނުން މަނާކޮށްފި އެވެ.


އީރާނުގެ އަސްކަރިއްޔާ އިން ބުނީ ޑްރޯން ދުއްވުމުގެ ހުއްދަ ވަކި ފަރުދުންނަށް ދެން ނުދޭނެ ކަމަށެވެ. މީހަކު ނެތި ދުއްވާ ޑިވައިސްގެ ސަބަބުން ސަލާމަތީ ގޮތުން މީގެ ކުރިން ވަނީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޑްރޯން ދުއްވުން ތެހެރާނުގައި ވަނީ ވަރަށް މަގްބޫލް ކަމަކަށްވެފަ އެވެ.

"ކެމެރާ ހަރުކޮށްފައި ހުންނަ ޑްރޯންތައް އީރާނުގެ ސަލާމަތީ ގޮތުން ނާޒުކް ސަރަހައްދުތަކުގެ މަތީގައި ދުއްވާ އެ ތަންތަން ވީޑިއޯކޮށް އަދި އެ ވީޑިއޯ ދުޝްމަނުންނަށް ފޯރުކޮށްދީފާނެ،" އިސްލާމިކް ރިވޮލިއުޝަން ގާޑުގެ ޑިޕިއުޓީ ކޮމާންޑަރު އަލީ ރިޒާ ރާބީ ވިދާޅުވި އެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީސް ވެސް ހުންނަ، އުދުހުން މަނާ ސަރަހައްދެއްގެ މަތިން ދުއްވި ޑްރޯނެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ވައްޓާލައިފަ އެވެ. އެއީ ސަރުކާރު ޓީވީ އަކުން ޑޮކިއުމެންޓްރީއެއް ހަދަން ދުއްވި އެއްޗެއް ކަމަށްވެ އެވެ. މީގެ އިތުރުން ތެހެރާން މަތިން ދުއްވި ޑްރޯނެއް ވައްޓާލުމަށް މިދިޔަ މަހު ވަނީ އެންޓި-އެއާކްރާފްޓް ބަޑި ބޭނުން ކޮށްފަ އެވެ.