ކިމްގެ ހަށިގަނޑު އޮތް މޯޗަރީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 21) - މެލޭޝިއާ އެއާޕޯޓުގައި ވިހަ ދީގެން މަރާލި، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ ހަށިގަނޑު ބާއްވާފައި އޮތް މޯޗަރީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.


މޯޗަރީގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މި ވަނީ ކިމްގެ ހަށިގަނޑާ ހަވާލުވުމަށް އޭނާގެ ފިރިހެން ދަރިއެއް ކަމަށްވާ ކިމް ހަން-ސޮން މެލޭޝިއާ އަށް ދިޔަ ޚަބަރު ފެތުރުމާ ގުޅިގެންނެވެ. ކިމްގެ ހަށިގަނޑު ހަވާލު ކުރުމަށް ނޯތު ކޮރެއާ އެމްބަސީން އެދުނު ނަމަވެސް މެލޭޝިއާ އިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. މެލޭޝިއާ އިން ބުނީ މަރާލަފައި ވަނީ ކިމް ޖޮން-ނަމްކަން ޔަގީން ކުރުމަށް އޭނާގެ އާއިލާގެ މީހެއްގެ ޑީއެންއޭ ސާމްޕަލް ބޭނުންވާ ކަމަށެވެ. ނޯތު ކޮރެއާ އިން ދެކޮޅު ހެދި ނަމަވެސް މެލޭޝިއާ އިން މިހާރު ވަނީ ކިމްގެ ޕޯސްޓް-މޯޓަލް ވެސް ހަދައިފަ އެވެ.

ކިމް މަރާލަން މޫނުގައި ވިހަ ފޮތިގަނޑެއް އަޅަނީ.

ކިމްގެ ހަށިގަނޑު އޮތް ހޮސްޕިޓަލަށް މިއަދު ވަނީ ހަތިޔާރާ އެކު ތިބި ގިނަ އަދަދެއްގެ ފުލުހުން ގޮސްފަ އެވެ.

ކިމްގެ ދަރި ކިމް ހަން-ސޮލް މެލޭޝިއާ އަށް ދިޔަ ކަމަށް ރަސްމީ އެއްވެސް ފަރާތަކުން ބުނެފައެއް ނުވެ އެވެ. ހަން-ސޮލްއާ ބެހޭ މާގިނަ މައުލޫމާތު އާއްމުކޮށްފައި ނުވި ނަމަވެސް އޭނާ އަކީ ކިމް ޖޮން-ނަމްގެ ދޮށީ ދަރިއެވެ.

ނޯތު ކޮރެއާ ސަފީރު ކަން ޗޮލް ވިދާޅުވީ ހާދިސާ ހިނގިތާ ހަފުތާއެއްވީ އިރު ވެސް ކިމްގެ މަރާ ގުޅޭ ގޮތުން އެއްވެސް ހެއްކެއް މެލޭޝިއާ ފުލުހުންނަށް ނުދެއްކޭ ކަމަށާއި މެލޭޝިއާ އިން ކުރާ ތަހުގީގަކަށް އިތުބާރު ނުކުރާނެ ކަމަށެވެ. ސަފީރު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ. އަދި މެލޭޝިއާ އިން ވަނީ ނޯތު ކޮރެއާ އަށް ފޮނުވި ސަފީރު މުހައްމަދު ނިޒާމް މުހައްމަދު އަނބުރާ ގެނެސްފަ އެވެ.

ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މަރާލި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ ހަށިގަނޑު އޮތް ހޮސްޕިޓަލުގައި މެލޭޝިއާ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން މިހާރު ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ނޯތު ކޮރެއާ މީހަކާއި އިންޑޮނީޝިއާ އަންހެނަކާއި މެލޭޝިއާ ފިރިހެނަކާ އަދި ވިއެޓްނާމުގެ ޕާސްޕޯޓް ގެންގުޅޭ އަންހެނެކެވެ. އަދި ނޯތު ކޮރެއާގެ އިތުރު ހަތަރު މީހަކު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ހަތަރު މީހުން މެލޭޝިއާ އިން ފުރީ ކިމް މަރާލި ދުވަހު އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.