ސައުދީ ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅުގައި 31 ދުވަސް

ރިޔާޒް (ފެބްރުއަރީ 23) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަންނަ ހަފުތާގައި އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި 31 ދުވަސް ހޭދަކުރައްވާނެ ކަމަށާއި އެ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ސައުދީގެޒެޓުން ބުނެފި އެވެ.


ސައުދީ ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާ އެކު 1،500 އޮފިޝަލުންނާ އެކު ރަސްގެފާންގެ ދަތުރުފުޅުގެ ފުރަތަމަ ލެގު ފައްޓަވާނީ މެލޭޝިއާ އިންނެވެ. އެ ގައުމުގައި ތިން ދުވަސް ހޭދަކުރެއްވުމަށް ފަހު 12 ދުވަހުގެ ދަތުރު ފުޅެއްގައި ރަސްގެފާން ސަލްމާން ދެން ވަޑައިގަންނަވާނީ އިންޑޮނީޝިއާ އަށެވެ. އިންޑޮނީޝިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ، ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައި ވަނީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގައި ބާލީގައި ހަ ދުވަހު ޗުއްޓީ ހޭދަކުރައްވާނެ ކަމަށެވެ. މިއީ މީގެ 46 އަހަރު ކުރިން ރަސްގެފާން ފައިސަލް އިންޑޮނީޝިއާ އަށް ވަޑައިގެންނެވި ފަހުން ސައުދީ ރަސްކަލަކު އިންޑޮނީޝިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރަސްގެފާން ދެން ވަޑައިގަންނަވާނީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށެވެ. އޭގެ ފަހުން ތިން ދުވަހުގެ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަންނަވާނެ އެވެ. މިއީ ސައުދީ ރަސްކަލަކު ޖަޕާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރަސްގެފާން ސަލްމާންގެ ފަހު މަންޒިލަކީ ރާއްޖެ އެވެ. މާޗު 27 ވަނަ ދުވަހު ރާއްޖޭން ފުރާވަޑައިގެން ޖޯޑަން އަށް ވަޑައިގަންނަވާނީ އަރަބި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ޗުއްޓީ ހޭދަކުރެއްވުމަށް މާލެ އަތޮޅުން ފަސް ތަރީގެ ތިން ރިސޯޓް ވަނީ ބުކްކޮށްފަ އެވެ. ރަސްގެފާނު ސަލްމާން ރާއްޖެ އަށް ކުރައްވާ ހަ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތަރު ދުވަސް ހޭދަކުރައްވާނީ ޗުއްޓީއެއް ގޮތަށެވެ. ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ބޮޑު އާމްދަނީއެއް ރާއްޖެ އަށް ވަންނާނެ އެވެ. އެގޮތުން އެއް ރިސޯޓަށް އެކަނި ވެސް 10 މިލިއަން ޑޮލަރު ހޭދަކުރައްވާ ކަމަށްވެ އެވެ. އެޑްވާންސްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު މިހާރު ވެސް ދައްކަވާފައިވާ ކަމަށްވެ އެވެ.

ސަލްމާން ރަސްގެފާނު ރާއްޖެ ވަޑައިގަންވާއިރު އެ މަނިކުފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ވަފުދުގެ ބޭފުޅުންނާ އެކު ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ. އޭގެ ތެރެއިން ދެ މަތިންދާބޯޓު ފިޔަވައި އެހެން ބޯޓުތައް އެ ދުވަހު ރާއްޖެ އިން ފުރާނެ އެވެ.

ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރިސޯޓެއްގައި ވަނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.