ޑުޓާޓެ އަށް ފާޑުކިޔާ ސެނެޓަރު ހައްޔަރު ކުރަން އަމުރު ނެެރެފި

މެނީލާ (ފެބްރުއަރީ 23) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔާ ސެނެޓުގެ މެންބަރު ލެއިލާ ޑި ލީމާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި އެވެ.


ޑި ލީމާގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދާ ކަމުގެ ދައުވާ ކޮށްފަ އެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ޑުޓާޓެގެ ޝިކާރައަކަށް އޭނާ ވާނެ ކަމަށާއި އަދި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އޭނާ ޖަލަށްލާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. ޑުޓާޓެއާ ދެކޮޅަށް އަޑު އުފުލައިގެން އަދަބެއް ދޭ ކަމަށް ވަންޏާ އެ އަދަބަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަސްތުވާތަކެތި ހުއްޓުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ޑުޓާޓެ ހަނގުރާމަ ފެއްޓެވި ފަހުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ މީހުން މެރުމަށް ޑުޓާޓެ ފުލުހުންނަށް ހިތްވަރު ދެއްވާ ކަމަށެވެ.

ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ބެނީނޯ އަކީނޯގެ ސަރުކާރުގެ ޖަސްޓިސް ސެކްރެޓަރީގެ މަގާމު އަދާކުރި ޑި ލިމާ ހިމެނެ އެވެ. ޑި ލީމާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ފައްޓަވާފައިވާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބޭރުގެ އެހީ އަށް ވެސް އެދިވަޑައިގެންފަ އެވެ. ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޗެއާގެ މަގާމު ޑި ލީމާ 2008-2010 އަށް ކުރެއްވި އިރު އޭނާ ވަނީ ޑަވާއޯ ސިޓީގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ދުވަސްވަރު މީހުން މެރި މައްސަލަ ބަލައިފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ފައްޓަވާފައިވާ ހަނގުރާމައާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފަށައިފަ އެވެ. ޕޮލިސް ހެޑްކުޓާރެއްގެ ތެރޭގައި ސައުތު ކޮރެއާގެ ވިޔަފާރިވެރިއަކު މަރާލުމާ ގުޅިގެން ޑުޓާޓެ ވަނީ ފުލުހުންގެ އޮޕަރޭޝަން މަޑު ޖައްސާލައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ދެން އެ މަސައްކަތް ފަށާނީ ފުލުހުންގެ ތެރެ ސާފުކޮށްފައި ކަމަށެވެ.