ހަނދު ވަށާ ބުރެއް ޖަހަން ޓޫރިސްޓުން ފޮނުވަނީ

ވޮޝިންޓަން (ފެބްރުއަރީ 28) - އެޕޯލޯ އިން ހަނދަން ދަތުރެއް ކުރިތާ 45 އަހަރު ފަހުން ހަނދުވަށާ ބުރެއް ޖެހުމަށް ޓޫރިސްޓުން ފޮނުވުމަށް ސްޕޭސްއެސް އިން ނިންމައިފި އެވެ.


ހަނދު ވަށާ ކުރާ ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ ޖައްވަށް ދަތުރުކުރާ ޓޫރިސްޓުންނެވެ. ސްޕޭސްއެކްސްގެ ޗީފް އެގްޒެކެޓިވް އެލޮން މަސްކު ވިދާޅުވީ ހަނދުވަށާ ކުރާ ދަތުރު އަންނަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ގޮތުގައި ސްޕޭސްއެކްސްގެ ފްލައިޓުގައި ދަތުރު ކުރަނީ ދެ މީހުން ކަމަށާއި އެއީ ހޮލީވުޑުގެ ބައެއް ނޫން ކަމަށެވެ. ހަނދު ވަށާ ދަތުރު ކުރާ ދެ ޓޫރިސްޓުން މިހާރު ވެސް ބޮޑު އަދަދެއްގެ ޑިޕޮސިޓް ދައްކާފައިވާ ކަމަށް މަސްކް ވިދާޅުވި އެވެ. އަދި އެ މީހުންގެ ޓްރޭނިން މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް މަސްކް ވިދާޅުވި އެވެ.

ސްޕޭސްއެކްސްގެ ސީއީއޯ އެލޮން މަސްކް. --ފޮޓޯ:އޭއެފްޕީ

"މިއީ ވަރަށް ޝައުގުވެރި އާދަޔާޚިލާފު މިޝަނަކަށް ވާނެ. އަދި މި މިޝަނުގެ ސަބަބުން ޖައްވަށް މީހުން ފޮނުވުމަށް އިތުރަށް ޝައުގުވެރިވާނެ ކަމަށް އުއްމީދު ކުރަން،" ކޮންފަރެންސް ކޯލް މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަސްކް ވިދާޅުވި އެވެ.

ސްޕޭސްއެކްސް އަކީ ޖައްވަށް މީހުން ފޮނުވުމުގެ މަޝްރޫއު ހިންގާ އެންމެ އުއްމީދީ ކުންފުންޏެވެ. އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިޔާ ރިޗަޑް ބްރެންސަންގެ ވާޖިން ގެލަޓިކުން ވަނީ 250،000 ޑޮލަރަށް ޖައްވީ ދަތުރެއް ކުރުމަށް ރިޒަވޭޝަން ހަދަން ފަށައިފަ އެވެ. އަދި އެމެޒޮންގެ ފައުންޑާ ޖެފް ބެޒޮސްގެ ބްލޫ އޮރިން ކުންފުނިން ވެސް ދަނީ ޖައްވީ ފްލައިޓްތަކެއް ބޭއްވުމަށް ޕްލޭން ކުރަމުންނެވެ.

ސްޕޭސްއެކްސްގެ ފެލްކޮން ހެވީ އުޅަނދު ހަނދު ވަށާ ބުރުޖަހަން ނައްޓާލާނީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. ހަނދަށް އެންމެ ފަހުން ދަތުރު ކުރި އެޕޯލޯ 17 ގެ ދަތުރު 1972 ވަނަ އަހަރު ފެށީ ވެސް މި ސެންޓަރުންނެވެ. އޭގެ ފަހުން އެމެރިކާ އިން ހަނދަށް އެސްޓްރޮނޯޓުން ފޮނުވައިފައެއް ނުވެ އެވެ.