ނިއު ދިއްލީ (މާޗް 5) - މުޅިން ވެސް އަންހެން ކްރޫންނާއި ސްޓާފުން ބޭނުންކޮށްގެން އެއާ އިންޑިއާ އިން ފުރަތަމަ ފަހަރަށް ދުނިޔެ ވަށާ ޕަސިންޖާ ދަތުރެއް ފުރިހަމަކޮށްފި އެވެ.
އެއާ އިންޑިއާގެ ފްލައިޓް ނިއު ދިއްލީން ސެން ފްރެންސިސްކޯ އަށް ފުރީ ހޯމަ ދުވަހު އެވެ. އެނބުރި އިންޑިއާގެ ވެރި ރަށަށް ދިޔައީ ހުކުރު ދުވަހު އެވެ. ބޯއިން 777 ގެ މަތިންދާ ބޯޓު އެމެރިކާ އަށް ދަތުރުކުރީ ޕެސިފިކް ކަނޑު ހުރަސްކޮށެވެ. އަދި އަނބުރާ ނިއު ދިއްލީ އަށް ދިޔައީ އެޓްލާންޓިކް ހުރަސްކޮށް ދުނިޔެ ވަށާ ބުރެއް ފުރިހަމަކޮށްފައި ކަމަށް އެއާ އިންޑިއާ އިން ބުނެފައިވެ އެވެ. އިންޑިއާގެ ގައުމީ އެއާލައިނުން ބުނީ ހުސް އަންހެން ސްޓާފުން ބޭނުންކޮށްގެން ދުނިޔެ ވަށާ ކުރި ޕަސިންޖާ ދަތުރު ދުނިޔޭގެ ރެކޯޑް ފޮތަށް އެރުވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ބޯޓުގެ ޕައިލެޓުންނާއި ކްރޫންގެ އިތުރުން އެހެން ކަންކަމުގައި ވެސް ބޭނުންކޮށްފައި ވަނީ އަންހެން ސްޓާފުންނެވެ. އޭގެ ތެރޭގައި ޗެކިން، ގްރައުންޑް ހޭންޑްލިން އިންޖިނޭރުން، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައި ވަނީ އަންހެނުންނެވެ.
އެއާ އިންޑިއާ އިން ބުނީ މި މަހު 8 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހުސް އަންހެން ޓީމުތައް ބޭނުންކޮށްގެން އިތުރު ފްލައިޓްތައް ބާއްވާނެ ކަމަށެވެ. އެއާ އިންޑިއާ އިން ޖެނުއަރީ މަހުން ފެށިގެން ވަނީ އަންހެނުންނަށް ޚާއްސަ ސެކްޝަނެއް ހަދާ ސީޓް ވިއްކަން ފަށައިފަ އެވެ. އެއީ އަންހެނުންތަކަކަށް އެހެން ޕަސިންޖަރުންތަކެއް ޖިންސީ ގޯނާ ކުރުމާ ގުޅިގެންނެވެ.