ރާޑަރުން ގެއްލުނު އެއާ އިންޑިއާގެ ބޯޓަކަށް ޖެޓެއްގެ އެހީތެރިކަން ދީފި

މުމްބާއީ (މާޗް 10) - ލަންޑަނަށް މިއަދު ފުރި އެއާ އިންޑިއާގެ ޕަސިންޖާ މަތިންދާ ބޯޓު ހަންގޭރީގެ މަތިން އުދުހެމުން ދަނިކޮށް ރާޑަރުން ގެއްލުމާ އެކު ހަނގުރާމަ މަތީ ޖެޓެއްގެ އެހީތެރިކަން ދޭން ޖެހިއްޖެ އެވެ.


މިއަދު ހެނދުނު 231 ޕަސިންޖަރުންނާއި 18 ކްރޫންނާ އެކު މުމްބާއީން ފުރި ބޯޓު އެއާ ޓްރެފިކް ކޮންޓްރޯލުން ގެއްލުނީ "ފްރިކުއެންސީ ފްލަކްޗުއޭޝަނެއް"ގެ ސަބަބުން ކަމަށް އެއާލައިނުން ބުނެފައިވެ އެވެ. ފްލައިޓް އޭއި171 ލަންޑަނަށް މިސްރާބު ޖެހުމުގައި ވަނީ ފައިޓާ ޖެޓުން އެސްކޯޓް ކޮށްދީފަ އެވެ. އަދި ރައްކާތެރިކަމާ އެކު އެ ބޯޓު ހީތުރޯ އެއާޕޯޓުގައި ޖައްސާފައިވާ ކަމަށް ވެސް އެއާ އިންޑިއާގެ ތަރުޖަމާނަކު ބުންޏެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވަނީ މުމްބާއީން ލަންޑަނަށް ފުރި ޖެޓް އެއާވޭސްގެ މަތިންދާ ބޯޓެއް އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުމުން ޖަރުމަނުގެ އެއާ ފޯސްގެ މަތިންދާ ބޯޓެއްގެ އެހީތެރިކަން ދީފަ އެވެ. މިދިޔަ މަހު 16 ވަނަ ދުވަހު ޖަރުމަނުގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ބޯޓަށް އެ މައްސަލަ ދިމާވި އިރު 300 ޕަސިންޖަރުން ތިއްބެވެ. ފަހުން އެ ބޯޓަށް ވަނީ ކޮމިއުނިކޭޝަން ލިބިފަ އެވެ. ޖެޓް އެއާވޭސްގެ ބޯޓުން ކޮމިއުނިކޭޝަން ކެނޑުނީ ޕައިލެޓް ނުބައި ފްރިކުއެންސީއެއް ބޭނުން ކުރުމުންނެވެ.