ސަލްމާންގެ ވަފުދަށް ޖަޕާނުން 1،200 ކޮޓަރި ބުކްކޮށްފި

ޓޯކިޔޯ (މާޗް 13) - ސައުދީ ރަސްގެފާން ސަލްމާން އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ޖަޕާނަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވަފުދަށް ޓޯކިޔޯގެ ލަގްޒަރީ ހޮޓާތަކުން 1،200 ކޮޓަރި ބުކްކޮށްފި އެވެ.


އިންޑޮނީޝިއާގައި ރަސްމީ ބައްދަލުވުންތަކަށް ފަހު ބާލީގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު ރަސްގެފާނުގެ ވަފުދުގެ ބޭފުޅުން ޓޯކިޔޯ އަށް ދަތުރު ކުރެއްވި 10 މަތިންދާ ބޯޓުގަ އެވެ. ސަލްމާން ވަފުދުގެ ބޭފުޅުން ދަތުރު ކުރެއްވުމަށް 500 ލިމޯ ގެނެސްފައިވާ ކަމަށް ޖަޕާން ސަރުކާރުގެ އޮފިޝަލުން ބުންޏެވެ.

ޓޯކިޔޯ އަށް ވަޑައިގެން ކާރަށް އަރާވަޑައިގަތުމަށް ރަސްގެފާން ސަލްމާން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާ ރަސްގެފާން މިއަދު ބައްދަލު ކުރައްވާނެ އެވެ. އަދި ޖަޕާނުގެ އެމްޕެރާ 83 އަހަރުގެ އަކިހީޓޯއާ މާދަމާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްގެފާނުގެ ދަތުރުފުޅުގެ އެއް ބޭނުމަކީ ޖަޕާނާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ސައުދީގެ އިގްތިސާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި ޖަޕާނުގެ އެހީތެރިކަން ހޯދުމެވެ. ޖަޕާނަކީ ސައުދީން އެންމެ ގިނައިން ކްރޫޑް އޮއިލް އެތެރެކުރާ ގައުމެވެ.

ޓޯކިޔޯގެ ހަނީޑާ އެއާޕޯޓަށް ސަލްމާން ރަސްގެފާން ފައިބައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ސަލްމާން ރަސްގެފާނަކީ 46 އަހަރު ތެރޭ ޖަޕާނަށް ވަޑައިގެންނެވި ސައުދީ އަރަބިއާގެ ފުރަތަމަ ރަސްގެފާނެވެ. އެންމެ ފަހުން ޖަޕާނަށް ވަޑައިގެންނެވި ސައުދީ ރަސްގެފާނަކީ ފައިސަލް އެވެ. އެމަނިކުފާން ވަޑައިގެންނެވީ 1971 ވަނަ އަހަރު އެވެ. ސަލްމާން ރަސްގެފާން ވަނީ ވަލީ އަހުދަކަށް ހުންނެވި ދުވަސްވަރު، 2014 ވަނަ އަހަރު ޖަޕާނަށް ވަޑައިގެންފަ އެވެ.

ސަލްމާން ރަސްގެފާން ޓޯކިޔޯގެ ހަނީޑާ އެއާޕޯޓަށް ފައިބައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޖަޕާނުގެ ދަތުރުފުޅަށް ފަހު ރަސްގެފާން ޗައިނާ އަށް ފުރާ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ. އެމަނިކުފާން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެން ވަޑައިގަންނަވާނީ މި މަހު 23-29 އަށް ކުރިއަށްދާ އަރަބި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޖޯޑަން އަށެވެ.