ސައުދީ ރަސްގެފާން މި އަހަރު އިންޑިއާ އަށް ވަޑައިގެންފާނެ

ނިއު ދިއްލީ (މާޗް 13) - ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާން ސަލްމާން މި އަހަރު އިންޑިއާ އަށް ވަޑައިގެންފާނެ ކަމަށް އޮފިޝަލަކު ބުނެފި އެވެ.


"މި އަހަރު ފަހުކޮޅު ސައުދީ ރަސްގެފާން އިންޑިއާ އަށް ވަޑައިގެންފާނެ ކަމަށް ބެލެވޭ،" ސައުދީގެ ޕެޓްރޯކެމިކަލް ކުންފުނި ސާބިކުން އިންތިޒާމް ކުރި އިވެންޓެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ސެކްރެޓަރީ އަމަރު ސިންހާ ވިދާޅުވި އެވެ. "ދެ ގައުމުގެ ތާރީޚީ އަދި ގާތް ގުޅުން ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ބަދަހިވެފައި. ދެ ގައުމުން ވެސް ދަނީ އިންވެސްޓްމަންޓާއި އިންފްރާސްޓްރަކްޗާ އަދި މެނުފެކްޗާރިންގެ ދާއިރާ އިން އެއްބާރުލުން އިތުރު ކުރަން ހުރި ފުރުސަތުތަކަށް ބަލަމުން."

އިންޑިއާގައި އިންވެސްޓްކޮށްފައިވާ ސާބިކުގެ ސީއެސްއާރު ޕްރޮގްރާމެއްގެ ދަށުން ދިއްލީ، ބެންގަލޫރު، ގުރުގުރަމް، ވަޑޮޑާރާ، ޗެންނާއީ އަދި މުމްބާއީގެ ސަރުކާރު ސްކޫލްތަކުގެ އެއް ލައްކަ ކުދިންގެ ލޯ ޓެސްޓް ކުރަން ވަނީ ނިންމައިފަ އެވެ.

ސައުދީ ސަފީރު ސައުދު އަލް ސާތީ ވަނީ ތެލަށް ބަރޯސާވުން ކުޑަ ކުރުމަށް ސައުދީން ކުރާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަަދި ވިޝަން 2030 ގެ މަގްސަދަކީ ސައުދީގައި މިނިވަން ވިޔަފާރީގެ ނިޒާމެއް ގާއިމްކޮށް ބޭރުގެ އިންވެސްޓަރުން ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލްމާން މިހާރު އުޅުއްވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.