މީހުން މަރަން ރާޖަޕަކްސަގެ ކޮއްކޮ ގްރޫޕެއް ގެންގުޅުނު: ސީއައިޑީ

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ އަދި އޭރުގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ރާޖަޕަކްސަ މީހުން މެރުމަށް ހާއްސަކޮށްގެން ސިއްރު ގްރޫޕެއް ގެންގުޅުނު ކަމަށް ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ) އިން އިއްޔެ ކޯޓުގައި ބުނެފި އެވެ.


މައުންޓް ލެވިނިއާ މެޖިސްޓްރޭޓް ކޯޓުގައި އިއްވި ސީއައިޑީގެ ބަޔާނުގައި ބުނީ 2009 ވަނަ އަހަރު ލަންކާގެ ސަންޑޭ ލީޑާ ނޫހުގެ އެޑިޓަރު ލަސަންތަ ވިކްރެމަނަތުންގާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ސިއްރު ޔުނިޓަކީ ގޮތަބަޔަގެ އޯޑަރަށް އަމަލުކުރަމުން ދިޔަ ޔުނިޓެއް ކަމަށެވެ.

ލަސަންތަ މަރާލީ ގޮތަބަޔަގެ އަމުރަށް ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތުހުމަތުކުރަމުން އަންނައިރު އޭނާ ވަނީ އެ ތުހުމަތަށް އިންކާރުކުރައްވައިފަ އެވެ. ނަމަވެސް ސީއައިޑީ އިން ކޯޓުގައި ބުނީ ސިއްރިއްޔާތުގައި ހިންގި "ޑެތު ސްކޮޑް" ކޮންޓްރޯލްކުރީ ގޮތަބަޔަ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

"ސިފައިންގެ ކުރީގެ ވެރިޔާ (ސަރަތު ފޮންސެކާ) ގެ ބަޔާނުން އެނގޭ ގޮތުގައި އޭނާގެ ބާރު ނުހިނގާ ގޮތަށް ގޮތަބަޔަ އޭރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ކަޕިލަ ހެންދަވިތަރަނަ މެދުވެރިކޮށް ސިއްރު ޔުނިޓެއް ހިންގެވި އެވެ." ސީއައިޑީގެ ބަޔާނުގައި ބުންޏެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ސިއްރު ޔުނިޓް ހިންގީ ސިފައިންގެ ކޮމާންޑް ސްޓްރަކްޗާގެ ބޭރުން ކަމަށާއި އެ ޔުނިޓު ހާއްސަވެފައި އޮންނަނީ ސަރުކާރާ ދެކޮޅު މީހުންނާއި ނޫސްވެރިން ހުއްޓުވަން ކަމަށެވެ. މި ޔުނިޓުގެ މައުލޫމާތު ސީއައިޑީ އަށް ދެއްވި ފޮންސެކާ އަކީ 2009 ވަނަ އަހަރު ތަމަޅަ ހަނގުރާމަވެރިން ބަލިކޮށް ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައިއިރު ސިފައިންގެ ވެރިޔާ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ރިޔާސީ އިންތިހާބުގައި ރާޖަޕަކްސައާ ވާދަކުރައްވަން ނިކުމެވަޑައިގެން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތެވެ. އަދި އެކި ތުހުމަތުތައް ކޮށް އެންމެ ފަހުން ޖަލަށް ހުކުމްކޮށްފައި ހުއްޓާ މިނިވަންކުރީ މިހާރުގެ ސަރުކާރުންނެވެ.

ރާޖަޕަކްސަގެ ވެރިކަމުގައި އެތައް ބަޔަކު މެރިކަމުގެ ތުހުމަތު ގޮތަބަޔަގެ މައްޗަށް ކުރެވިފައި ވިޔަސް އިއްޔެގެ ބަޔާނަކީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ސީދާ ގޮތެއްގައި ގޮތަބަޔައަށް ތުހުމަތުކުރި ފުރަތަމަ ފަހަރެވެ. އިއްޔެ ކުރިއަށް ގެންދިޔައީ ލަސަންތަގެ މަރުގެ މައްސަލަ އެވެ. އާ ސަރުކާރުން ލަސަންތަގެ ހަށިގަނޑު މިދިޔަ ސެޕްޓެމްބަރު މަހު ނަގައި އަލުން ވަނީ އޮޓޮޕްސީ ހަދައިފަ އެވެ. އާ އޮޓޮޕްސީގައި ވެސް ބުނީ ލަސަންތަ މަރާލާފައި ވަނީ ވަޅިން ހަމަލާދީގެން ކަމަށާއި އޭގެ ފަހުން ބަޑި ވެސް ޖަހާފައިވާ ކަމަށެވެ. އަލުން އޮޓޮޕްސީ ހެދީ ކުރިން އެ މައްސަލާގައި ކުރި ތަހުގީގަށް އޮޅުވާލަން އޮޓޮޕްސީ ރިޕޯޓް ވެސް އޮޅުވާލާފައި އޮވެދާނެ ކަމަށް ބެލެވިގެންނެވެ.

ކޯޓުން އިއްޔެ ވަނީ ލަސަންތަގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކޮށް ތުހުމަތުކުރެވޭ ބަޔަކު ތިބި ނަމަ ހައްޔަރު ކުރުމަށް އަމުރުކޮށްފަ އެވެ.