ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މަރު

އިރާގުގެ ވެރިރަށް ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި އެވެ.


ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނީ ބަޣްދާދުގެ ހުޅަނގު ދެކުނުގައި އޮންނަ ޝީއީންގެ އަވަށެއްގަ އެވެ. އިރާގުގެ ހަތިޔާރު އެޅި އެއްވެސް ޖަމާއަތަކުން މިހާތަނަށް މި ހަމަލާގެ ޒިންމާ އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އައިއެސް ޖަމާއަތުން ދާދި ފަހުން ވަނީ މިފަދަ ހަމަލާތަކެއް ދީފަ އެވެ.

ޝީއީންނަށް އަމާޒުކޮށް މި ހަމަލާ ދީފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މި ބައްދަލު ކުރެއްވުމަށް ފުރާވަޑައިގަންނަވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި އައްބާދީ ވިދާޅުވެފައިވަނީ، އިރާގު މިހާރު ވަނީ އައިއެސް ޖަމާއަތް ނައްތައިލުމުގެ ފަހު މަރުހަލާގައި ކަމަށެވެ.

މި ހަމަލާ މި ދިނީ މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެ ސަހަރު ހިފުމަށް އިރާގު ސަރުކާރުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދުވަސްވަރެއްގަ އެވެ. މޫސަލްގެ ހަނގުރާމައިގެ ސަބަބުން މިދިޔަ ހަފުތާގައި އެކަނި ވެސް އާންމުންގެ 180،000 މީހުން އެ ސަހަރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަ ކޮށްފައިވެ އެވެ.

މޫސަލްގައި މިދިޔަ ހަފުތާގައި ކުރި ހަނގުރާމައިގައި އައިއެސްގެ ހަނގުރާމަވެރިން ވަނީ ފުލުހުންގެ ކާނަލް ރޭންކުގެ އޮފިސަރަކާއި ސިފައިންގެ އިތުރު އަށް އޮފިސަރަކު އަތުލައިގެންފަ އެވެ. އެއީ ހަނގުރާމަ ކުރަމުން ގޮސް އެ މީހުންގެ އަތުން ހަތިޔާރު ހުސްވުމުންނެވެ. އައިއެސް އިން އަތުލައިގަންނަ މީހުންނާ މެދު އެ ޖަމާއަތުން ކަންތައް ކުރަނީ ވަރަށް އަނިޔާވެރި ކޮށެވެ.

މިދިޔަ ޖެނުއަރީ މަހު އިރާގުގައި ދިން ކާރު ބޮމުގެ ހަމަލާތަކުގައި ވެސް 45 މީހުން މަރައިލި އެވެ. އަދި އެތައް ބަޔަކު ޒަޚަމްވި އެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ މެދުތެރޭގައި ތިން ދުވަސް މަތިން ދިން ކާރު ބޮމުގެ ހަމަލާތަކުގައި މަދުވެގެން 48 މީހުން މަރުވި އެވެ. އަދި އެތައް ބަޔަކު ޒަޚަމްވި އެވެ.