މުވައްޒަފެއްގެ ގައިގައި ޖެހި މެންބަރަށް ދަތުރު ކުރެވޭ ގޮތް އެއާ އިންޑިއާ އިން ހަދައިފި

ނިއު ދިއްލީ (އެޕްރީލް 8) - އެއާ އިންޑިއާގެ މުވައްޒަފެއްގެ ގައިގައި ޖެހި އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ގޮވައިގެން ދަތުރު ކުރުން މަނާކޮށްފައިވާ އޮތް އޮތުން އެއާ އިންޑިއާ އިން ބަދަލުކޮށްފި އެވެ.


ވެރިކަން ކުރާ ބީޖޭޕީއާ ގުޅިފައިވާ، ހިންދޫންގެ ހަރުކަށި ޕާޓީ، ޝިވް ސެނާގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހޮވިފައިވާ ރަވިންދުރަ ގައިކްވާދު އެއާ އިންޑިއާގެ މުވައްޒަފެއްގެ ގައިގައި މާޗު މަހު ފަހުކޮޅު ޖެހުމުން އިންޑިއާގެ ގައުމީ އެއާލައިނުގެ އިތުރުން އެހެން ބައެއް އެއާލައިންތަކުން ވެސް ވަނީ އޭނާ ދަތުރު ކުރުން މަނާކޮށްފަ އެވެ. ނަމަވެސް ގައިކްވާދަށް ދަތުރު ކުރެވޭ ގޮތަށް އެއާ އިންޑިއާ އިން ނިންމީ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަނުމުންނެވެ.

ގައިކްވާދު ވެސް ވަނީ އިންޑިއާގެ އޭވިއޭޝަން މިނިސްޓަރަށް ސިޓީ އަށް ފޮނުވާ އޭނާ އަށް ކުރެވުނު ކަންތަކާ "ދެރަވާ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއާ އިންޑިއާގެ ކިބައިން މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ.

ގައިކްވާދު ދަތުރު ކުރުން މަނާކޮށްފައި ވަނިކޮށް އޭނާ ވަނީ އެއާ އިންޑިއާ އިން ޓިކެޓް ގަންނަން އެތައް ފަހަރަކު މަސައަކްތްކޮށް، ނާކާމިޔާބުވެފަ އެވެ. އެއާ އިންޑިއާ އިން ބުނެފައި އެއާ ލައިނުގެ ކިބައިން މައާފަށް އެދުމުން ނޫނީ ގައިކްވާދަށް ޓިކެޓް ނުވިއްކާނެ ކަމަށެވެ. ނަމަވެސް އެއާ އިންޑިއާގެ ނިންމުން ބަދަލުކުރީ ސިވިލް އޭވިއޭޝަން މިނިސްޓަރު އެއާ އިންޑިއާގެ ޗެއާމަނަށް ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

އެއާ އިންޑިއާގެ 60 އަހަރުވީ މުވައްޒަފެއްގެ ގައިގައި ގައިކްވާދު ޖެހީ އިކޮނޮމީ ފްލައިޓެއްގައި ބިޒްނަސް ކްލާހުގެ ސީޓެއް ދޭން އެދި އެކަން އެގޮތަށް ކޮށް ނުދިނުމުންނެވެ. މާޗް 23 ވަނަ ދުވަހު އެއާ އިންޑިއާގެ ފްލައިޓަކަށް އަރުއްވާފައި އޭނާ އެދިވަޑައިގަތީ ބިޒްނަސް ކްލާހުގެ ގޮނޑިއަކަށެވެ. އެކަމަކު އެއީ ހަމައެކަނި އިކޮނޮމީ ކްލާހުގެ ފްލައިޓަކަށް ވާތީ އެކަން ކުރެވޭ ގޮތެއް ނުވި އެވެ. މައްސަލަ ގޯސްވީ ޕޫނޭ އިން ދިއްލީ އަށް ދަތުރުކުރި ފްލައިޓް ދިއްލީ އަށް ޖެއްސި ފަހުންނެވެ. ފްލައިޓުން ފައިބައިވަޑައިގަންނަވަން އޭނާ ދެކޮޅު ހެއްދެވި އެވެ. އެހެންކަމުން އެ ވަގުތު ޑިއުޓީ މެނޭޖަރު ބޯޓަށް އަރައި، ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނެވެ. އެކަމަކު ގައިކްވާދު އިސްކުރެއްވީ އަތެވެ.

ގައިކްވާދު ވަނީ ފައިވާނުން "25 ފަހަރު ޖެހި" ކަމަށް، އަމިއްލަ އަށް މީޑިއާގައި ވިދާޅުވެފަ އެވެ. އަނިޔާ ލިބުނު މުވައްޒަފު ބުނީ ތަޅައިގަތުމުން އޭނާގެ އައިނު ވެސް ހަލާކުވި ކަމަށެވެ

"އަހަރެމެން ތަމްސީލްކޮށްދޭ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފެންވަރަކީ އެއީ ނަމަ، މި ގައުމު ސަލާމަތްކޮށްދޭން ކަލާނގެ ކިބައިން އެދެން،" އަނިޔާ ލިބުނު މުވައްޒަފު ބުނެފައިވެ އެވެ.